އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަދި ޒަމާންވީ ޓްރެވަލް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ ވޮންޑަރލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025 ގެ ޝަރަފުވެރި 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ވޮންޑާލަސްޓް ރީޑަރ ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑެކެވެ. އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ އާންމުންގެ ވޯޓުންނެވެ.
* މޯސްޓް ޑިޒައިރަބަލް ކަންޓްރީ - ވޯލްޑްވައިޑް
* މޯސްޓް ޑިޒައިރަބަލް އައިލެންޑް - ވޯލްޑްވައިޑް
މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު 17 އޮކްޓޯބަރުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި 2 ކެޓަގަރީން ވެސް ރާއްޖެއަށް އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
1993 ވަނަ އަހަރު އުފެދުނު ވޮންޑާލަސްޓް އަކީ މާނަހުރި، ޒިންމާދާރު އަދި ހިތްވަރު ލިބޭ ދަތުރުފަތުރުގެ އެންމެ އިސް އޮތޯރިޓީގެ ގޮތުގައި އިނގިރޭސިވިލާތުގައި އުފެދިފައިވާ އޮތޯރިޓީއެކެވެ. މި އެވޯޑުން ރަމްޒުކޮށްދެނީ ތަޖުރިބާކާރު ދަތުރުވެރިން ހިތްވަރު ދިން ތަންތަނަށް ވޯޓުދޭ ހަގީގީ ވިސްނުމާއި ތަޖުރިބާތަކެވެ.
އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 114000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.