ދުނިޔޭގެ އެންމެ ގަދަ ފަސް ގައުމުގެ ރޭންކިންއަށް ބަދަލު ނައިސް، ޖުލައި މަހުގެ ފީފާ ރޭންކިންގައިވެސް އެއްވަނަ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއަށް ލިބިއްޖެއެވެ.
ބުރާސްފަތި ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ނެރުނު ޖުލައި މަހުގެ ރޭންކިންގައި ވާ ގޮތުން ދެ ވަނަ ލިބެނީ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނަށެވެ. ތިން ވަނަ ފްރާންސަށް އަދި ހަތަރު ވަނަ އިނގިރޭސިވިލާތަށް ލިބޭއިރު ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އޮތީ ފަސް ވަނާގަ އެވެ.
ގަދަ 10 ޓީމުގެ ތެރެއިން މި ފަހަރު ސޮއްސާލީ އިޓަލީ އެވެ. އެ ގައުމުގެ ވަނަ އަކީ 11 އެވެ.
ރޭންކިންގެ ހަ ވަނާގައި ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ޕޯޗުގަލް އެވެ. ކުރިން ހަ ވަނާގައި އޮތް ނެދަލޭންޑްސް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އަށް ވަނާގައިވަނީ ބެލްޖިއަމެވެ. އޭގެ ފަހަތުން ޖަރުމަނު ވިލާތާއި ކްރޮއޭޝިޔާ އެވެ.
ފީފާއިން ބުނާ ގޮތުގައި މި ފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮސްޓަރިކާ އެވެ. އެ ގައުމުން ވަނީ 14 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެންމެ ބޮޑަށް ފަހަތަށް ދިޔައީ ޖަމައިކާ އެވެ. އެއީ ހަތް ދަރަޖައިގެ ވެއްޓުމަކާއެކުގަ އެވެ. އެންމެ ގިނަ ޕޮއިންޓް ގެއްލުވާލި ގައުމަކީ ހައިޓީ އެވެ. އެ ގައުމަށް 30 ޕޮއިންޓް ވަނީ ކުރީ ރޭންކިން އަށް ފަހު ގެއްލިފަ އެވެ. އެންމެ ގިނަ ޕޮއިންޓް އެއް ކުރީ ހޮންޑިއުރަސް އެވެ. އެ ގައުމުން ކުރީ ރޭންކިން އަށް ފަހު 46.3 ޕޮއިންޓް ހޯދައިފަ އެވެ.