ކުޅިވަރު

ލަންކާ ހަތަރު ދަރަޖަ ކުރިއަށް، ރާއްޖެ ހަތް ދަރަޖަ ފަހަތަށް


ފީފާ ރޭންކިންގައި ދިވެހިރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓުނުއިރު، ވާދަވެރި ސްރީ ލަންކާ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ނެރުނު ޖުލައި މަހުގެ ރޭންކިންގައި ވާ ގޮތުން ސާކުގެ ހަތް ގައުމުގެ ތެރެއިން ކުރިއެރުން ހޯދި ހަމައެކަނި ގައުމަކީވެސް ލަންކާ އެވެ. އެ ގައުމު މިހާރު އޮތީ ދުނިޔޭގެ 196 ވަނާގަ އެވެ. ލަންކާ ވަނީ އޭޝިއަން ކަޕް ކޮލިފައިންފައި ޗައިނީސް ޓައިޕޭ އާއި ބުރޫނާއީ ބަލިކޮށްފައެވެ.

ރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓުމުން މިހާރު އޮތީ ދުނިޔޭގެ 172 ވަނާގަ އެވެ. އިންޑިޔާއިން ވެސް ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އެ ގައުމުގެ މިހާރުގެ ވަނަ އަކީ ދުނިޔޭގެ 133 އެވެ.
ސާކް ސަރަހައްދުގެ ތިން ވަނަ ލިބެނީ ނެޕާލަށެވެ. އެ ގައުމު ދުނިޔޭގެ 176 ވަނާގައު އޮތީ އެއް ދަރަޖައިގެ ވެއްޓުމަކާއެކުގަ އެވެ. ބަނގްލަދޭޝް ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. މިހާރުގެ ވަނަ އަކީ 184 ވަނަ އެވެ.

ބޫޓާން ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު 186 ވަނާގައި އޮތްއިރު ފުލުގައި އޮތީ ޕާކިސްތާނެވެ. އެއީ ތިން ދަރަޖަ ފަހަތަށް ޖެހި 201 ވަނާގަ އެވެ.

ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހުނު މައިގަނޑު ސަބަބަކީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުން ވެސް ބަލިވުމެވެ. ފިލިޕީންސް އަތުން ބަލިވިއިރު ރާއްޖެ އަށް ވުރެ އެތައް ތަނަތަކުން ފަހަތުގައި އޮތް އީސްޓީމޯރު އަތުން ވެސްވީ ބައްޔެވެ. ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދިނީ ވެސް މި ބައްޔާއެކުގަ އެވެ.