ޗެލްސީއަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއަކު އެ ކުލަބުގައި ނުބަހައްޓާނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ މިހެން ބުނީ އިނގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ ވާދަވެރި އާސެނަލްއަށް ބަދަލުވާން ނިންމުމުންނެވެ.
ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ތައްޔާރު ވަމުން އަންނަ ކޯޗު ބުނީ ޗެލްސީގައި އޮތީ ވަރަށް ޒުވާން ސްކޮޑެއް ކަމަށާއި ކުރީ ސީޒަނަށް ވުރެ ރަނގަޅު ކާމިޔާބީ އެއް މި ސީޒަނުގައި ހޯދަން ކުލަބުން ވިސްނާ ކަމަށެވެ. އަދި އެ ހިސާބަށް ދަތުރު ކުރެވިދާނެ ކަމުގެ ހެއްކަކީ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުން ފުރުސަތު ލިބުން ކަމަށެވެ.
"އަހަރެން މި ކުލަބުގައި ހުނަނަން ބޭނުން ނުވާ މީހަކު ގަދަ ކަމުން ނުބަހައްޓާނަން. އެއީ ބޭނުމެއް ހުރި ކަމެއް ނޫން. އެއީ ތެދެއް. ނޯނީ ވަނީ ކުލަބުން ދާން ބޭނުންވާ ކަމަށް ބުނެފައި. އެއްވެސް މީހަކު އޭނާ ގާތުގައި ދާކަށް ނުބުނޭ. އެއީ އޭނާގެ އަމިއްލަ ނިންމުމެއް،" ކޯޗު ބުންޏެވެ.
މަޑުއެކޭ އާސެނަލް އަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
މަރެސްކާ ބުނީ މި ބަދަލާމެދު ކުޅުންތެރިޔާ އުފާވާނަމަ ޗެލްސީ ވެސް އޮތީ އުފަލުން ކަމަށެވެ.
"އޭނާ އުފާވާނަމަ އަހަރުމެން ވެސް އުފާވާނެ. މިކަމުގައި އެއްވެސް ބަޔަކަށް ދެރަ ގޮތެއް ވެގެން ނުވާނެ. އޭނާ ބޭނުންވި ގޮތަކަށް ދާން އޭނާ އަށް ފުރުސަތު އެބައޮތް. ތެދެއް. އޭނާ ވަނީ ކުލަބު ބަދަލު ކުރަން ނިންމާފައި،" ކޯޗު ބުންޏެވެ.
އާސެނަލް އަކީ މި ފަހަރުގެ ޓްރާންސް މާކެޓުގައި އެންމެ ހަރަކާތްތެރި އެއް ކުލަބެވެ. އެ މީހުން ތައްޔާރު ވަމުންދަނީ އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދުމަށެވެ. ހުސްވި ތިން ސީޒަނުގައި ވެސް އާސެނަލް އަކީ ލީގުގެ ދެ ވަނަ ޓީމެވެ.