ޚަބަރު

ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގައި ފައިނޭންޝަލް ސެންޓަރ މަޝްރޫޢު ބޮޑު ދައުރަކަށްވާނެ: މައުރޫފް ޖަމީލް


  • މި ސެންޓަރު ތަރައްޤީކުރަނީ ހުޅުމާލެ 3ވަނަ ފިޔަވަހި ސަރަޙައްދުގައި

  • މަޝްރޫޢުގެ ޕްލޭނިން މަސައްކަތްތައް ދަނީ ކުރިއަށް

ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކުރާ މަސައްކަތުގައި، ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރުގެ މަސައްކަތް ބޮޑު ދައުރެއް އަދާކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެންޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ 2040ވަނަ އަހަރަށްދާއިރު، ދިވެހިރާއްޖެއަކީ ތަރަޤީވެފައިވާ ޤައުމަކަށް ބަދަލުވުމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށް ގެނައި ބަދަލުގައި، ހުޅުމާލެއަކީ އިޤްތިޞާދީ ފުރުޞަތައް ތަނަވަސް ތަނަކަށް ހެދުމަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަމަށެވެ. މިހާރުގެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންގޮސް، ހުޅުމާލެއަކީ ރާއްޖޭގެ ފައިނޭންޝަންލް ކެޕިޓަލަށްވުމުގެ ފުރުޞަތު އޮތް ތަނެއްކަމަށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާފައިވާ އިކޮނޮމިކް އޭރިއާގައި ތަރައްޤީކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރގެ މަޝްރޫޢު ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ. މި މަޝްރޫޢުވެގެންދާނީ ދިވެހިރާއްޖެ، ތަރައްޤީވެފައިވާ ޤައުމަކަށް ކުރާ މަސައްކަތަށްވެސް ލިބޭނެ ވަރަށް ބޮޑު ބާރަކަށްކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ.

"މި މަޝްރޫޢު މިހާރު އޮތްގޮތަށް ރަނގަޅަށްދާނަމަ، ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް އުފެދޭނެ. މިއީ ރާއްޖޭގެ ކުރިމަގާ ގުޅިފަވާ، އިޤްތިޞާދު މުޅިން ތަފާތު ލެވަލްއަކަށް ގެންދާނެ މަޝްރޫޢުއަކަށްވާނެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދިވެހިރާއްޖެ ތަރައްޤީވެފަވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކޮންޓްރިބިއުޝަނަކަށްވާނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މި ސެންޓަރަކީ ވިޔަވާރީގެ ގިނަ ފުރުޞަތުތަކެއް ފަހިވާގޮތަށް ހަދާ ތަނެކެވެ. އަދި މި ސެންޓަރާއެކު އެތައް ހާސް ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ.

ހުލުމާލޭގެ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާހުކުރުމަށް، މިއަހަރުގެ މޭމަހުގެ 26 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަޞައްވުރު، ހާސިލްކުރުމަށް މި މާސްޓަރ ޕްލޭނާއެކު މަގުފަހިވާނެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުގާނުގެ ތަޞައްވުރަކީ ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާއެކު ގުޅިލާމެހިގެން ތަރައްގީވެގެންއައުންކަމަށެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ދުރު ރާސްތާ ތަޞައްވުރެކެވެ.