ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި


  • މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި

  • މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫހޮން ޔޮން އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ވަޒީރު ޝިޔާމް އެމެރިކާގެ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އެމެރިކާއާއި ދެޤައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަސްވަރާކުރައްވާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ވަނީ ޤާނޫނާއި ޚިލާފަށް ކުރާ މަސްވެރިކަމާއި، ހުއްދަނެތި އަދި އުސޫލުން ބޭރުން ކުރާ މަސްވެރިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސިނާއަތުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ ގޮންޖެހުންތައް ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.