ފްރާންސްގެ ޕީއެސްޖީ ދޫކޮށް ކީލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުން ހިތާމަނުކުރާ ކަމަށް ޕީއެސްޖީގެ ރައީސް އަދި ގަތަރުގެ މަހުޖަނު ނަސީރު އަލް-ޚެލައިފީ ވިދާޅުވެއްޖެއެވެ.
ޚެލައިފީ ވިދާޅުވީ އެމްބާޕޭއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި، އެކަމަކު އޭނާ ޕީއެސްޖީ ދޫކޮށް ދިއުމަކުން އެކަމާ ދެރަނުވާ ކަމަށެވެ. އަދި އެމްބާޕޭ ނިންމީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެކަަމަކު އެމްބާޕޭ ނެތި އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ނަސީބު އެހީތެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭނާ އަށް އަހަރެން އަބަދުވެސް ކާމިޔާބީ އަށް އެދެން. އޭނާ މި ކުލަބުން ދިއުމަކުން އަހަރެން ދެރަ އެއް ނުވޭ. އޭނާ ނިންމީ އޭނާ އަށް އެންމެ ރަނގަޅު ގޮތް. އަހަރުމެން މި ވަނީ އޭނާ ނެތި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި. އޭނާ ނެތި އަހަރުމެންނަށް މި ވަނީ ނަސީބު އެހީތެރިވެފައި،" އަލް ހަލައިފީ ވިދާޅުވި އެވެ.
ޚެލައިފީ އިތުރަށް ވިދާޅުވީ ފީފާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެމްބާޕޭއާ ދެކޮޅަށް ކުޅެން ޖެހުމަކީ ހާއްސަ ކަމެއް ކަމަށެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.
މި މެޗުގައި އެމްބާޕޭއަށް ދުނިޔޭގެ ކަޅި އަމާޒުވާއިރު މިއީ ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އާއި ކޯޗު ލުއިސް އެންރީކޭ އަށް ވެސް ހާއްސަ މެޗެކެވެ. މި ދެ މީހުންނަކީ ވެސް ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިންނެވެ. ނަމަވެސް ރެއާލް ދޫކޮށް އެންމެ ވާދަވެރި ބާސެލޯނާ އަށް ބަދަލުވެ އެންރީކޭ އެ ކުލަބުގެ ކެޕްޓަން ކަމާއި ކޯޗުކަން ވެސް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީވެ ރެއާލްގެ ސަޕޯޓަރުން އޭނާ އަކީ އެ ކުލަބުގެ މީހެއް ކަމަށް ނުދެކެ އެވެ.