ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ބަލިކޮށް، ކުލަބު އެޗްޑީސީން ގައުމީ މުބާރާތުގެ ޖާގައެއް ހޯދައިފިއެވެ.
އެޗްޑީސީ އަތުން ބަލިވުމާއެކު ޕޮލިސް ކުލަބު ވަނީ ގައުމީ މުބާރާތަށް ކޮލިފައިނުވެ ކަޓާފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި އެޗްޑީސީން މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ސެޓު ގެންދިޔައީ 25-21 އިންނެވެ. އަދި ދެވަނަ ސެޓް އެޗްޑީސީން ގެންދިޔައީ 26-24 އިންނެވެ.
އެޗްޑީސީން މި މެޗު ކާމިޔާބުކުރީ ތިންވަނަ ސެޓުގައި 14 ޕޮއިންޓުގެ ބޮޑު ތަފާތަކުން، 25-11 އިން ގެންގޮސްގެންނެވެ. މި ސެޓުގައި ޕޮލިހުގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފާހަގަވެގެންދިޔައިރު، މި މެޗާއިއެކު ޕޮލިސް ކުލަބަށް ވަނީ މި ސީޒަން ނިމިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އެވެ.