ސަސްޕެންޝަންގައި ހުރި މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް އެ މަޤާމުން ވަކިކުރުމަށް އެ ކުންފުނިން ނިންމަވައިފިއެވެ.
އޭނާ އެ މަގާމުން ސަސްޕެންޑްކުރީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލާގައި މިިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހުގައެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުންކަމަށެވެ. އަދި މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވާކަމަށްވެސް އެ ކުނފުނިން ވިދާޅުވެއެވެ.
19 ޑިސެމްބަރ 2024 ގައި ސަސްޕެންޑް ކޮށްފައިވާ މިކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު 9 ޖުލައި 2025 އިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ. މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން…
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) July 8, 2025
ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައި މުޙައްމަދު ފަޒީލުގެ ފޯނު ހިފަހައްޓާ ޕާސްޕޯޓުވެސް ހިފެހެއްޓިއެވެ. އަދި މި މައްސަލާގައި އެޗްޑީސީގައި އޭރު ހުރި މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ހިމެނޭހެން މުޅި ބޯޑު ސަސްޕެންޑްކުރިއެވެ. އަދި އޭނާ މަޤާމުން އިސްތިއުފާދިނެވެ.