ކުޅިވަރު

ފީފާއިން ފައިސާއިންދިން، އަދިވެސް މުސާރަ ނުދެވި އެބަހުރި: މުއިއްޒު


އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެބަހުރި ކަމަށާއި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހު ހަމަވުމުގެ ކުރިން އެކަން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.

ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒު ވިދާޅުވީ މި މަހުގެ ނިޔަލަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވަމުންދާތީވެ ނުދެވި ހުރި މުސާރަ ދިނުމަށް ފީފާ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މުވައްޒަފުންނަށް ތިން މަސް އަނެއް ބައި މުވައްޒަފުންނަށް ހަޔަރު މަސް ދުވަހުގެ މުސާރަ ނުދެވި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ނިމުމުގެ ކުރިން މިކަންކަން ހަމަޖެހިގެންދާނެ ކަމަށް. އެކަމަށް ވަރަށް މަސައްކަތް އެބަ ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސާރަ ނުލިބުނު ނަމަވެސް އެފްއޭއެމުގެ މުވައްޒަފުން ވަރަށް ހީވާގި ކަމާއެކު އެއްބާރުލުން ދީފައިވާ ކަމަށެވެ.
"އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރަން. މުސާރަ ނުދެވި އޮތް އިރު ވެސް ނޯމަލައިޒޭޝަން ކޮމިޓީ އަށް ހުރިހާ މުވައްޒަފުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުފެ ފަހު އަހަރު ފެށިގެން ނުދެވި ހުރި މުސާރަތަކުގެ ކަންކަން ހަމަޖެއްސުމަށް ތިން ފަހަރެއްގެ މަތީން ފީފާއިން ފައިސާ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން ވެސް އެންމެންގެ ބެކްލޮގް ފިލުވާނުލެވުނު ކަމަށާއި އެކަން އެގޮތަށް ދިމާވީ މުވައްޒަފުން ގިނަވެފައި އެތައް ބަޔަކު މުސާރަ ނުލިބިގެން ޝައކުވާ ކޮށްފައި އޮތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުން ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކުން އެ އިދާރާ އަށް ލިބެނީ އެންމެ ތިން ލައްކައެއްހާ ރުފިޔާ ކަމަށެވެ.