ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް މިއަދު ފަށަނީ


  • ދަތުރުތައް ފަށަނީ ޗައިނާގެ ޝެންޖެންއަށް

  • ޗައިނާގެ 3 މަންޒިލަކަށް މިހާރުވެސް މޯލްޑިވިއަނުން ދަތުރު ކުރޭ

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށާނެއެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝެންޖެންއަށެވެ. މި ދަތުރުތައް ފަށާނީ މިރެއެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.

ޝެންޖެންއަށް މޯލްޑިވިއަނުން ފަށަނީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން 21 އޮގަސްޓާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ އައިސްފައެވެ.

މޯލްޑިވިއަނުން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.