ޚަބަރު

ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


  • ވަނަވަރާއި ފަންނީ ޕޯޓްފޯލިއޯ ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައި

  • ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ

ދިވެހިރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތަޢާރަފުކުރާ ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރަށްޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރަށްޝިޕް ޕްރޮގްރާމަކީ ސަޤާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަޤާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި، ސަޤާފަތާއި، ޤުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ.