ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ކުދި ވިޔަފާރިތަކަކީ ޤައުމަށް މުހިންމު ބައެއް ކަމުގައި ބަލައިގަނެފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަށް 8 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބީސީސީއަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވިޔަފާރިތައް ފަށަންވީގޮތާއި ފަށައިގެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދުތައް ދެއެވެ. އަދި ކުދި ވިޔަފާރިތަކުގެ އިފެއްދުންތައްވެސް ބީސީސީއިން އަންނަނީ ޕްރޮމޯޓްކޮށްދެމުންނެވެ.
ބީސީސީއަށް 8 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޟާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، 8 އަހަރުގެ ތެރޭގައި ކުންފުނި އުފެދިގެން އައި މަޤްސަދު ވަރަށް ރަނގަޅަށްވެސް ހާސިލްވަމުން އަންނަކަމަށެވެ.
Congratulations @BCC_mv.
— Mohamed Saeed (@em_saeed) July 5, 2025
Marking 8 years of dedicated service, each adding value toward fulfilling the institution’s core purpose, is commendable and encouraging for our nation. In a country fueled by an energetic entrepreneurial spirit and a young generation eager to lead… pic.twitter.com/52S5LCskdx
ރާއްޖެއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އުފެދެމުން އަންނަ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކުން އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްކަމެއްދީފައިވާކަން ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރަކުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރުކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ވިޔަފާރިތަކާއި ގުޅުންހުރި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ބީސީސީއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.
ބީސީސީން ވަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކަށްވުމުން އެއާ އެއްގޮތަށް އެއްގޮތަށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމުގައި އެ ކުންފުންޏަށް ލިބޭ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވެފައެވެ.