ޚަބަރު

ނިމުނު ހަފުތާ: ރައީސްގެ ސިންގަޕޫރު ދަތުރުފުޅާއެކު ގިނަ ކުރިއެރުންތަކެއް


  • މުހިންމު ދާއިރާތަކަކުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެއްބަސްވުންތަކެއް އެކުލަވާލާފައިވޭ

  • ނައިބު ރައީސް ދަނީ ސްޕެއިނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން

  • ތިލަމާލެ ބުރިޖުގެ 60% މަސައްކަތް ނިމިފައިވާކަން ހާމަކުރި

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ޙަލާލު ފަތުރުވެރިކަމަށް ދޫކުރާނެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވުން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު ވަނީ އެކަމަށް 5 ސަރަހައްދެއް ކަނޑައަޅުއްވާފައެވެ. ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއްވެސް އުފައްދަވާފައެވެ.

ނިމުނު ހަފުތާގައި އެންމެ ފާހަގަކޮށްލެވުނު ޚަބަރުތަކުގެ ތެރޭގައި ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ފުރަމާނަ ދަތުރުފުޅު ފާހަގަކޮށްލެވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މުހިންމު ދާއިރާތަކަކުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެއްބަސްވުންތަކެއް އެކުލަވާލާފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ދާއިރާތައް ހިއްސާކުރުމަށް ސިންގަޕޫރު-ރާއްޖެ ބިޒްނަސް ފޯރަމެއްވެސް ބާއްވާފައިވެއެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ސްޕެއިނަށް ދަތުރުފުޅެއް ނިމުނު ހަފުތާގެ ތެރޭގައި ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ އެކި ހަރަކާތްތަކުގައި އެމަނިކުފާނު ތަޤުރީރުކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީޒޯނެއް ޤާއިމްކުރަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކުރެއްވީވެސް ނިމުނު ހުކުރު ދުވަހުއެވެ.

ޢުމްރާނީ ތަރައްޤީ:

ނިމުނު ހަފުތާގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، 6 ރަށެއްގައި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން ފާހަގަކޮށްލެވެއެވެ. އަދި ތިލަމާލޭ ބްރިޖްގެ ޕައިލިންގެ މަސައްކަތް ނިމި، ބުރިޖުގެ 60% މަސައްކަތް ނިމިފައިވާކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރީ ނިމުނު އަންގާރަ ދުވަހުއެވެ.

ހަމައެއާއެކު އަތޮޅު ތެރޭގައި ތަރައްޤީކުރަމުން އަންނަ 13 މިސްކިތެއް މިއަހަރު ހުޅުވާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ސެޕްޓެންބަރު މަހަށް ނިންމާނެކަން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ.

އިޤުތިޞާދާއި ވިޔަފާރި:

ނިމުނު ހަފުތާގައި އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ސާފު ފައިދާގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބުނު ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ތަންތަނަށް އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް ޑެބިޓް ކާޑު ލިމިޓު 500 ޑޮލަރަށް ބޮޑުކުރީ ނިމުނު ހޯމަ ދުވަހުއެވެ. މި ނިންމުމާއެކު ރާއްޖޭން ބޭރުން އޭޓީއެމްތަކުން ނަގުދު ފައިސާ ނެގޭނެ އެންމެ ގިނަ މިންވަރަކީ 125 ޑޮލަރެވެ. މިގޮތަށް ނިންމެވި ނަމަވެސް، ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓަރކޮށްގެން ކުރިއެކޭ އެއްގޮތަށް 750 ޑޮލަރު އޭޓީއެމުން ނެގޭނެކަންވެސް ނިމުނު ހަފުތާގައި ހާމަކުރިއެވެ.

ނިމުނު ހަފުތާގައި އިޤުތިޞާދީ މުހިންމު 2 އިދާރާކަމަށްވާ ގްރޭޓަރ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑާއި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް މެންބަރުންތަކެއް އައްޔަންކުރައްވާފައިވެއެވެ. އެ ގޮތުން ފައިނޭންޝަލް ޑިސްޓްރިކްޓް ކުންފުނީގެ ބޮޑަށް 4 ބޭފުޅުން އަދި ޑިވެލޮޕްމަންޓް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެންބަރުން ޢައްޔަންކުރައްވާފައިވެއެވެ.

ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ނަގައި ޖީއެސްޓީ %16 އިން %17 މަތި ކުރީވެސް ނިމުނު ހަފުތާގައެވެ. މި ޚަބަރުތަކުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް މާލީ ދަތިތައް މިހާރު ކުރިމަތިވެފައިވަނީ މިދިޔަ ސަރުކާރުގައި 203 މިލިޔަން ރުފިޔާގެ މާލީ ގެއްލުން ކުންފުންޏަށްވުމުންކަމަށް އެ ކުންފުނިން ހާމަކުރެއްވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިމާރާތްކުރުމުގެ މަސައްކަތުގައި އިންޝުއަރަންސް ކުރުން މަޖުބޫރުކޮށް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް އިސްލާޙު ގެނައުން ފާހަގަކޮށްލެވެއެވެ. އަދި މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުނަދޫގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅޭނެ ނިޒާމެއް ޤާއިމުކޮށް، ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާޙުކުރީވެސް ނިމުނު ހަފުތާގައެވެ.

އަދި ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން އައު އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުޞަތު މިދިޔަ އަންގާރަ ދުވަހު ހުޅުވާލިއިރު، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެކަމުގެ ޙާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ވުޒާރާއިން ހާމަކުރެއްވީވެސް އަންގާރަ ދުވަހުއެވެ.

ހަމައެއާއެކު މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް 35 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިމަހުގެ 17ގެ ފަހުން ދުންފަތުގެ ބާވަތްތައް ހުއްދަ ނެތި އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އެޅޭނެކަން ސަރުކާރުން ހާމަކުރެއްވީވސް ނިމުނު ހަފުތާގައެވެ. މީގެ އިތުރުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ދެއަވަށެއްގައި ފެށި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.