ޚަބަރު

ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުން މުހިންމު: ނައިބު ރައީސް


  • މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރެއްވި

  • މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ޙައްލުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިޞްލާޙުތައް ގެނައުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ފަދައިން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލް 6: "ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް" ގައި ތަޤުރީރު ކުރައްވަމުންނެވެ.

ދުނިޔޭގެ މާލީ އޮނިގަނޑު އިޞްލާޙުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު ތިން ފިޔަވަޅެއް ފާހަގަކުރައްވަމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަޤީންކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން ކޯޓާތައް އަދާހަމަކުރުމާއި، ވޯޓުދިނުމުގެ ޙައްޤު އިތުރުކުރުމާއި، ނިންމުންތައް ނިންމުމުގެ ޤަވާޢިދުތައް އިޞްލާޙުކުރުމާއި، ބޯޑުތަކުގައި ބައިވެރިވުން ފުޅާކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމާއި، މާލީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން ހިމެނޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އެކަށީގެންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރަނީގެ މައްސަލަ ވިލުންތެރި ގޮތެއްގައި ޙައްލުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އިތުރު ދަރަންޏަކަށް ބަރޯސާނުވެ "ވިލުންތެރިކަން ބިނާކުރުމަށް ދަރަނިން ލުއި ލިބޭ" ނިޒާމެއް ގާއިމުކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. މީގެއިތުރުން، ދެފުށްފެންނަ މިންވަރު އިތުރުކުރުމާއި، ބައިނަލްއަޤުވާމީ އެއްބާރުލުން ބޮޑުކުރުމާއި، ސިޑްސް އަށް އިންސާފުވެރި ކްރެޑިޓް ރޭޓިންގްއެއް ޤާއިމުކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.