ސަލްމާން މިސްކިތުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާ މިމަހު 12 ގައި ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް އިފްތިތާޙްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންއަންނަކަމަށެވެ. އެގޮތުން ކުތުބުޚާނާ ރަސްމީކޮށް އިފްތިތާޙްކުރުމާ ގުޅޭގޮތުން އެ ވުޒާރާގެ އިސްވެރިންނާއެކު މިއަދުވެސް މަޝްވަރާކުރައްވާފައިވާކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާނީ 15 ހާސް ފޮތާއެކުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާނީ 15 ހާސް ފޮތާއެކު މި މަހު 12 ވަނަ ދުވަހު އިންޝާ ﷲ. pic.twitter.com/GMvhjBKi12
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 3, 2025
މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން، އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި، އަދި މީގެއިތުރުންވެސް އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.