ޚަބަރު

އޭޝިއަން ކަޕް ކޮލިފައިންގައި ގުއާމް އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެ


އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ބުދަ ދުވަހު ވިއެޓްނާމުގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ގުއާމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމުން މި މެޗުގައި ގުއާމްގެ ކުޅުންތެރިން ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ގުއާމުން މެޗުން ކާމިޔާބު ކުރީ ރާއްޖޭގެ ޑިފެންސް ލައިން ފަސޭހަކަމާއެކު ފޫއަޅުވާލުމަށްފަހުއެވެ.

ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗު މުހައްމަދު އާތިފް (އާތީ ކޯޗު) ގެ އިރުޝާދުގެ ދަށުން ރާއްޖޭން މި މުބާރާތަށް ތައްޔާރުވީ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދުގައެވެ. މެޗު ފަށައިގެން ރާއްޖޭގެ ގޯލަށް ގުއާމްއިން ނުރައްކާކުރަމުން ދިޔަނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވިއިރުވެސް ގުއާމަށް ލަނޑެއް ޖެހޭގޮތެއް ނުވިިއެވެ. މެޗުގެ ފުރަތަމަ ލަނޑު ގުއާމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި މެޗުގެ 47 ވަނަ މިނިޓްގައެވެ. އަދި 55 ވަނަ މިނިޓްގައި ގުއާމުގެ ކުޅުންތެރިއަކު ބޮލުން ޖަހާ ދެވަނަ ލަނޑު ކާމިޔާބުކޮށްގެން ލީޑު ފުޅާކުރިއެވެ. މެޗުގެ ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ 76 ވަނަ މިނިޓްގައެވެ.

އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފަޔާސްގައި ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ވަނީ ވިއެޓްނާމާއި ދެކޮޅަށް ކުޅެފައެވެ. އެ މެޗުން 7-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ކޮލިފައިންގެ ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ 05 ޖުލައިގައި ޔޫއޭއީއާ ދެކޮޅަށެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް އޮންނާނީ އަންނަ އަހަރު އޮސްޓްރޭލިއާގައެވެ.