މި މަހުގެ 30 އިން އަންނަ އޮގަސްޓް މަހުގެ ހަތަރަކަށް ލާއޯސްގެ ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ އޭޝިއާ ހޯޕް ވީކް އެންޑް ޗެލެންޖުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ޑިވެލޮޕްމެންޓް އަދި އޭޝިއާ ޑިވެލޮޕްމެންޓް ޕްރޮގްރާމް، ހޯޕްސް ވީކް އެންޑް ޗެލެންޖް 2025 ގައި ބައިވެރިވުމަށް ހޯޕްސް ކެޓަގަރީގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން 2013 އަދި އޭގެ ފަހުން އުފަންވެފައިވާ އަންހެން ކުޅުންތެރިއަކާއި ފިރިހެން ކުޅުންތެރިއެއް އަދި ސެޓިފައިޑް އަންހެން ކޯޗެއް ޝޯޓްލިސްޓްކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ.
ރާއްޖެއަަށް މި ފުރުސަތު ފަހިވެގެން ދިޔައީ ޑިވެލޮޕްމެންޓް އެންޑް ގްރާސްރޫޓް ޕާތްވޭގެ ގޮތުގައި ނެޝަނަލް ޓެލެންޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމެއްގެ ދަރަޖަ ނެޝަނަލް ރޭންކިންގެ ހޯޕްސް ކެޓަގަރީއަށް ލިބިގެން ކަމަށާއި ފާއިތުވި ޖުލައި މަހުގެ ނެޝަނަލް ރޭންކިންގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން ހޯޕްސް ކެޓަގަރީގެ ޝަރުތު ހަމަވާ އެއް އަންހެން އަދި އެއް ފިރިހެން އެތުލީޓަކަށް މި ފުރުސަތު ދިނުމަށް އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން ނިންމާފައިވާ ކަމަށް ޓީޓީއޭއެމް އިން ބުނެއެވެ.
އަދި މި ކުޅުންތެރިންގެ ތެރެއިން އުމުރުގެ ގޮތުން ޝަރުތު ހަމަނުވާނަމަ ނުވަތަ ދަތުރު ކުރުމަށް ބެލެނިވެރިޔާ އިއުތިރާޒު ކުރާ ނަމަ ހޯޕްސް ރޭންކިންގައި ވާދަކުރި ޖެހިގެން އިން ކުޅުންތެރިއާއަށް މި ފުރުސަތު ދެވޭނެ ކަމަށްވެސް ޓީޓީއޭއެމްއިން ބުނެއެވެ.
އޭޝިއާ ހޯޕްސް ވީކް ޗެލެންޖްގެ 1 ވަނަ އަދި 2 ވަނަ ކުޅުންތެރިޔާއާއި އޭޝިއާ ހޯޕްސް ވީކް ޗެލެންޖް 2025 ގެ ބެސްޓް އިވެލުއޭޓެޑް ކުޅުންތެރިޔާއަށް މިއަހަރުގެ އައިޓީޓީއެފް ހޯޕްސް ވީކް އެންޑް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.