ކުޅިވަރު

ހަތަރު މެޗުން ނެގި މޮޅާއެކު ގައުމީ ނެޓްބޯޅަ ޓީމު ސެމީއަށް


ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިމުބާރާތުގައި ރާއްޖޭގެ ޓީމުން ވާދަކުރަމުން އަންނަނީ ގްރޫޕް ބީ ގައެވެ. މިހާތަނަށް މި މުބާރާތުގައި ރާއްޖޭގެ ޓީމުން ފަސް މެޗެއް ކުޅެފަވާއިރު ހަމައެކަނި ބަލިވެފަ ވަނީ ޕާކިސްތާނު އަތުންނެވެ. އެމެޗު ޕާކިސްތާނުން ގެންގޮސްފަވަނީ 49-39 ގެ ކުޑަ ފަރަގަކުންނެވެ. އެހެންނަމަވެސް ދެން ވާދަކުރި ހުރިހާ މެޗެއްވެސް ރާއްޖެއިން ވަނީ ފަސޭހަކަމާއެކު ނަގާފައެވެ.

މިގޮތުން ޗައިނީޒް ޓައިޕޭއާ ވާދަކުރި މެޗު 51-26 އިން ރާއްޖޭގެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އެއަށްފަހު 59-32 ގެ ތަފާތަކުން ޖަޕާން ބަލިކުރުމަށްފަހު 73-20ގެ ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީ ޓީމުން ވަނީ ސައުދީ ޓީމުވެސް ބަލިކޮށްފައެވެ. އަދި ކޮރެއާ އާއި ބައްދަލުކުރި މެޗު 129-03 ގެ ބޮޑު ފަރަގަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

އޭޝިއާގެ ގައުމުތައް ދެ ފަޅިއަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްގެންދާއިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ މަތީ ހަ ގައުމެވެ. އެ ގައުމުތަކުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންގކޮންގ އެވެ..

ރާއްޖެ ހިމެނޭހެން އަނެއް ހަ ގައުމު އޮތް ގްރޫޕް ބީ އިން މިމުބާރާތުގައި ވާދަކުރަނީ ކަޕް ޗެމްޕިއަންކަމަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސައޫދީ އަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.