ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ރޭ ސްޕޯޓްސް ކުލަބު ސިޓީ ބަލިކޮށް، ގައުމީ ވޮލީބޯޅަ ލީގުގެ ޖާގައެއް ޕޮލިސް ކުލަބުން ހޯދައިފިއެވެ. ލީގަށް ކޮލިފައިވުމަށް ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މުބާރާތް ރޭވިފަވާ ގޮތުން ގައުމީ ލީގަށް ކޮލިފައިވާނީ ވީއޭއެމް ކަޕް އެންމެ ގަދަ ފަސް ޓީމެވެ. ދެ ގުރޫޕަކަށް ބަހަލައިގެން ކުރިއަށްދިޔަ ގުރޫޕް ފިޔަވަހީގެ މެޗުތަކުން ނަތިޖާ ނުކުތް ގޮތުން މި ދެ ޓީމަށްވެސް ލިބުނީ ތިންވަނައެވެ.
ރޭގެ މެޗުން ޕޮލިސް ކުލަބު މޮޅުވުމާއެކު އެޓީމުން ލީގުން ޖާގަ ކަށަވަރުކުރިއިރު ގައުމީ ލީގުގައި ދެން ވާދަކުރާނީ ކުލަބު އެޗްޑީސީ އާއި، ފުވައްމުލައް ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.
ވީއޭއެމް ކަޕްގެ ފަސްވަނަ ކަށަވަރުކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި މޮޅަށް ކުޅެފައިވެސް ވަނީ ޕޮލިސް ޓީމުންނެވެ. މި މެޗު ފަށައިގެން ސިޓީ ރަނގަޅަށް ކުޅެ ލީޑުގައި އޮތް ނަމަވެސް، ފުރަތަމަ ސެޓުގެ މެދަކާ ހަމައިން ޕޮލިސް ޓީމުން ކޮންޓްރޯލް އަތުލައި ސެޓު ކާމިޔާބު ކުރިއެވެ. މި ސެޓު ޕޮލިސް ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ސިޓީ ޓީމުން ރަނގަޅު ވާދައެއް ކުރިއިރު، މި ސެޓު ޕޮލިސް ޓީމުން ގެންދިޔައީ 25-22 އިންނެވެ. އަދި ފުރަތަމަ ދެ ސެޓު ގެއްލުމާއެކު މެޗުގެ ފަހު ސެޓުގައި ސިޓީ ޓީމު ދަށްކޮށް ފެނިގެންދިޔައިރު، މި ސެޓު ޕޮލިސް ޓީމުން ގެންދިޔައީ 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ އިންޑިޔާ ކުޅުންތެރިޔާ ޗިރާގްއެވެ.