ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި ސޮއިކުރަން ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މި 4،000 ފްލެޓު ހަވާލުކުރުން ލަސްވާކަމަށްބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްފަދަ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ހައްސާސް ކަމެއްގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބައެއްގެ ހައިސިއްޔަތުން ސައްހަ ނޫން މައުލޫމާތުތައް ފެތުރުން ހުއްޓާލަންޖެހޭކަމަށެވެ.
Elected officials must exercise caution to avoid spreading incorrect information on sensitive issues such as Gedhoruveriya. I have repeatedly stated that the flats are not yet ready to occupy and will be handed over as they become ready, starting from July 2025 onwards. FDC and… https://t.co/sRqHoz7oFo
— Abdulla Muththalib (@muththo) June 30, 2025
މި4000 ފްލެޓާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ތަކުރާރުކޮށް އެތައް ފަހަރަކު ހިއްސާކޮށްފައިވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ފްލެޓްތަކުގެ މަސައްކަތް އަދި ނިމިފައިނުވާކަމަށެވެ. ނިމުނުހާ އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކުރަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވީ ޖުލައި މަހުން ފެށިގެން ފްލެޓްތައް ދޫކުރަން ފަށާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން ފްލެޓްތައް ލިބުނު މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ނުލިބޭ ސަބަބާއެކު އެކަން އަންގަން ފަށާފައިވާކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާ އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ތިބިކަމަށް ޔަޤީންވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެކަން އަންގަމުންދާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވި ފްލެޓާއި ބެހޭ މައްސަލަ ބޭރުކޮށްލާފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ)ގައި، ކުއްލި މައްސަލައެއް ކަމަށް ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ.