ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ދަ ސަދާން ސްޕޯޓްސް ކުލަބު ބަލިކޮށް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ދަނޑިމަގުން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދަނޑުމަގުން ގެންދިޔައީ 25-20، 25-12 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަނޑިމަގުގެ ބިދޭސީ ކުޅުންތެރިޔާ ބައްޓޫރު ބަޓްސޫރީއެވެ.
މި މެޗުން މޮޅުވެ ދަނޑިމަގުން މުބާރާތުގައި ދެވަނަ މޮޅު ހޯދިއިރު، އެ ޓީމުން މީގެ ކުރިން ވަނީ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްފައެވެ. އެކަމަކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދަނޑިމަގު ވަނީ ދިވެހި ސިފައިންގެ ކުލަބު އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ.
ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.