އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާއި ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ޚާއްޞަ ވެބިނަރ ސީރީސްއެއް ފަށައިފިއެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ވެބިނަރ ސީރީސް، ކުރިއަށްދާނީ މި ޖޫން މަހުގެ 29 އިން ޖުލައި މަހުގެ ދެވަނަ ދުވަހާއި ހަމައަށެވެ.
މި ވެބިނަރ ސީރީސްގައި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށާއި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީސީސީން މަޢުލޫމާތުދެއްވައެވެ. އެގޮތުން ރައްކާތެރިގޮތުގައި ޑިޖިޓަލް މުއާމަލާތްތައް ނުވަތަ ޓްރާންސެކްޝަން ކުރިއަށް ގެންދާނެ ގޮތާއި، ވިޔފާރިތައް ކުރިއެރުވުމަށް މާލީ އެހީދޭ މުއައްސަސާތަކުން އެހީ ހޯދާނެ ގޮތްތަކާއި، މީރާއަށް ބަޔާން ހުށަހަޅާނެ ގޮތްތަކާއި، އެނޫންވެސް މުހިންމު މަޢުލޫމާތު މި ވެބިނަރގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވެބިނަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބިނަރގައި ރަޖިސްޓަރ ކުރަން ބޭނުންވާ ލިންކާއި، މިކަމާ ގުޅޭ މަޢުލޫމާތު ބީސީސީގެ ސޯޝަލް މީޑީއާގެ އެކި މަންސަތަކުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.
އޮންލައިންކޮށް، ވެބިނަރ ސީރީސްއެއް ގޮތަށް މި މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ބީސީސީން ނިންމާފައިވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސެޝަންތަކުގައި ބައިވެރުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމަށްކަމަށް ބީސީސީން މަޢުލޫމާތު ދެއްވައެވެ. ބީސީސީން ވަނީ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންވެސް، މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވަނީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި، މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި އެ ގިންތިތަކުގެ ވިޔަފާރިތައް ކުރިއަރުވައި މާކެޓްކޮށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.