ޗައިނާގައި ކުރިއަށްދާ ބެއިޖިންގ އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ، ބައިޓް ގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށްދަނީ މި މަހުގެ 27 އިން 29 އަށް ޗައިނާ އިންޓަނޭޝަނަލް އެގްޒިބިޝަން ސެންޓަރު ގައެވެ.
ޗައިނާގެ ޓްރެވަލް މާކެޓުގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 6 ޕާޓްނަރުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.
މި އެކްސްޕޯގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑުގައި ފޮޓޯ ނެގުމުގެ ފުރުސަތުތަކާއި ޕްރޮމޯޝަނަލް ވީޑިއޯތައް ދައްކާލުމުގެ އިތުރުން ދަތުރުފަތުރުގެ މާހިރުންނާއެކު ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަކީ ޗައިނާގެ މާކެޓުން ރާއްޖެއަށްދޭ ޝައުގުވެރިކަން ދެމެހެއްޓުމަށާއި، އެންމެ ރަނގަޅު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެ މާކެޓް ކުރުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. ޗައިނާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. އެއީ 133،538 ފަތުރުވެރިންނެވެ. 2024 ވަނަ އަހަރު ރާއްޖެއަށް ޗައިނާއިން ޖުމުލަ 263،340 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ބައިޓް 2025 އަކީ މިއަހަރު ޗައިނާގައި އެމްއެމްޕީއާރުސީއިން އިސްނަގައިގެން ކުރިއަށް ގެންދަމުންދާ ކާމިޔާބު ކެމްޕޭންތަކަށް ބާރުދޭ ހަރަކާތެކެވެ. މި އަަހަރުތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޑިޖިޓަލް ހަރަކާތްތަކާއި، މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކެންޕޭންތަކާއި، މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރުތައް ހިމެނެއެވެ.