ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ގެއްލިއްޖެއެވެ.
އެފްއޭއެމްގެ މަގާމުތަކަށް މެންބަރުން ހޮވުމަށް އަންނަ ޖުލައި 26 ގައި އިންތިހާބު ބާއްވަން ނިންމާފައިވާއިރު ރައީސް ގެ މަގާމާއި ނައިބުން އަދި އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އިއްޔެ ހުޅުވާލާފައެވެ.
މަގާމުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށް އެފްއޭއެމުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ރައީސްގެ މަގާމަށް ބައްސާމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. ސަބަބަކީ ނަޒާހަތްތެރިކަމާއި ގުޅޭ އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅުއަޅަަފައިވާ މީހަކަށް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވާތީއެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި 9 މަސް ދުވަހަށް އޭނާއަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް ފީފާއިން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނަަތްތެރިވިކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ޖިނާއީ ތަހްގީގުތައްވެސް އަންނަނީ ހިންގަމުންނެވެ. ބައްސާމަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އަނެއް ސަބަބަކީ މިއެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ޖިނާއީ އެއްވެސް ދައުވާއެއް އުފުލާފައިވާނަމަ އެކަމުގެ ތަފްސީލު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައިބުނެފައިވެއެވެ.
އަދި ފާއިތުވި 2 އަހަރުދުވަހު ފުޓްބޯޅައިގެ ހަރަކާތްތަކުގައި އުޅުނު ކަމުގެ ލިޔުންވެސް ހުށަހަޅަން ޖެހެއެވެ. މި ޝަރުތުތައް ބައްސާމުގެ ހަމަ ނުވާއިރު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބެއްގެ ތާއީދު އޮތްކަން ހުށަހަޅަންވެސް ޖެހެއެވެ. މިވަގުތު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުގެ ތާއީދު ބައްސާމަށް ވަނީ ގެއްލިފައެވެ. މީގެ ކުރިން ބައްސާމަށް ތާއީދުކުރި ބައެއް ކުލަބުތަކުން ވަނީ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ
އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރަން ނިންމާފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިޔަށްދާކަމަށް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލަތަކުގެތެރޭގައި، ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި، އެފް.އޭ.އެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފް.އޭ.އެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭކަމަށް އެއިދާރާއިން ހާމަކޮށްފަވެއެވެ.
މީގެ އިތުރުން އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީތައް ކުލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ދިހަހާސް ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމްއަށް ލިބިފައި ނެތުމުން އެއީ އެ ފައިސާއަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދައުވާ ވެސް ކުރިއެވެ.
މަނީ ލޯންޑްރިންގެ ދައުވާތައް ސާބިތުވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސްއަހަރާ ފަނަރައަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ބައްސާމަށް އަންނާނެއެވެ.