ޚަބަރު

140 އަށްވުރެ ގިނަ ބައިވެރިންނާއެކު ހަށިހެޔޮރާއްޖެ ޕްރޮގުރާމް ނިލަންދޫގައި


މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ފ. ނިލަންދޫގައި ހަށިހެޔޮރާއްޖެ ޕްރޮގުރާމް ފަށައިފިއެވެ.

ޖުމްލަ 140 އަށްވުރެ ގިނަ ބައިވެރިންނާއެކު ނިލަންދޫގައި ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ނިލަންދޫ ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި، ފ.އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.

ނިލަންދޫގެ ހުރިހާ މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހުރިހާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 25 އިން ފެށިގެން އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ނިލަންދޫގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ހެލިފެލިވެ އުޅުމާއި، ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކެއިން ބުއިން ބައްޓަން ކުރަންވީ ގޮތާއި، ގައިން ގަޔަށް ނާރާ ބަލިތަކަށް އަހުލުވެރިކޮށް، އެކަމުން ދުރުހެލިވުމަށް ދިރިއުޅުން ބައްޓަންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. އަދި އޮފީސް ނުވަތަ މަސައްކަތުގެ މާހައުލުގައި ދިމާވާ ހާސްކަމާއި ނަފްސާނީގޮތުން ހިތްހަމަޖެހޭ ކަންކަމުގެ މައްޗަށް ތަމްރީންތައް ހިންގޭނެއެވެ.

ތިއަރީ ކްލާސްތަކާއި ފިޒިކަލް ތަމްރީންތައް ހިމެނޭ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި އެކި އުމުރު ފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދީ އުނގަންނައިދިނުމެވެ.

ނިލަންދޫގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މުލަކު ޕޮލިސް ސްޓޭޝަނާ ގުޅިގެން މިމަހުގެ 15 އިން 30 ގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މުލަކުގައި ކުރިއަށްދާ ހަށިހެޔޮރާއްޖެ ޕްރޮގްރާމުގައިވެސް ވަނީ 40 ފަރާތަކުން ބައިވެރިވެފައެވެ.

"ހަށިހެޔޮރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ރަށްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޒޯން އެކެއްގެ ރަށްތަކަށް އާމާޒުކޮށް ހިންގި ތަމްރީންތައް ކުރިއަށްގެންދިޔައީ ހދ. ކުޅުދުއްފުށީގަ އެވެ. ޒޯން ދޭއްގެ ތަމްރީންތައް ޅ.ނައިފަރުގައި ކުރިއަށްދިޔައިރު، ޒޯން ތިނެއް ކުރިއަށްގެންދިޔައީ މާލޭގަ އެވެ. ޒޯން ހަތަރެއްގެ ރަށްތަކަށް އާމާޒުކޮށް ދ.ކުޑަހުވަދޫގައި ތަމްރީންތައް ކުރިއަށްގެންދިޔައިރު، ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޒޯން ފަހެއްގެ ތަމްރީންތައް ކުރިއަށްގެންދިޔައީ ލ.ފޮނަދޫގައެވެ. އަދި ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ޒޯން 6 ގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ގދ.ތިނަދޫގައެވެ.

އެމްއެންއައިއެސް އިން މިދިޔަ އަހަރު ހިންގި ހަށިހެޔޮރާއްޖެ ލީޑާރސް ޓްރެއިންގ ޕްރްގްރާމުން ޖުމްލަ 230 ލީޑަރުން އުފެއްދިއެވެ.

އޭގެ ތެރޭގައި ސްޕޯޓްސް ކައުންސިލަރުންނާއި ޔޫތު އެސޯސިއޭޓުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ. އަދި މިއަހަރުން ފެށިގެން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހަށިހެޔޮރާއްޖެ ޕްރޮގްރާމް ރަށްރަށުގައި ހިންގާނީ މިނިސްޓްރީ އާއި އެމްއެންއައިސްގެ ބެލުމުގެ ދަށުން ތަމްރީން ލިބިފައިވާ ގާބިލް ލީޑަރުންނެވެ.