ޚަބަރު

ސަދާން ސްޕޯޓްސް ކުލަބު ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ދެވަނަ މޮޅު ހޯދައިފި


ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމްކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފިއެވެ.

ސަދާން ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މި މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ވާދަވެރި ކުޅުމަކުން ފެށިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު ދިވެހި ސިފައިންގެ ކުލަބުން ގެންދިޔައީ 25-19 އިންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ. ތިންވަނަ ސެޓް ކާމިޔާބުކުރީ 25-19 އިން ނެވެ.

ދިވެހި ސިފައިން ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލުއިޒް ފެލިއްޕޭ ފެރެއިރާ ޕެރޮއްޓޯއެވެ.

ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ.

ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.