ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގާއިމުކުރަމުންދާ ބައިނަލްއަގުވާމީ ފެންވަރުގެ ސްވިމިން ޕޫލްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްލަވާލައްވައިފިއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 1 0ވަނަ ދުވަހު ބިންގާ އެޅުނު މި ސްވިމިން ޕޫލަކީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސްވިމިން ޕޫލްއެކެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީކުރަން ރާވާފައިވާ މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސުވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އިތުރުން ޗަމްޕާ ހުސައިން ޢަފީފު އަދި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑެއްޔެއް ގެނެސްދިން ފަޚުރުވެރި އެތުލީޓު އާމިނަތު ސަޖަންއެވެ.
ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ މިޕޫލަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފްގެ ފަރާތުން ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހަދިޔާ ކުރައްވާފައިވާ ބިނާއެކެވެ.
ސުވިމިން ޕޫލުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ސުވިމިން ޕޫލުގެ ބިންގާ އެޅުނު ދުވަހުން ފެށިގެން މިމަސައްކަތް ހަލުވިދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތް ނިންމަން ކަނޑައެޅި ތާވަލާއެއްގޮތަށް ކަންކަންދާކަމަށާއި، ކަނޑައެޅުނު ތާރީޚަށް މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ.
"ބިންގާ އެޅި ދުވަހުން ފެށިގެން، ސުވިމިން ޕޫލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގަ ކުރިއަށް އެބަދޭ. ދެން މިހާރު އޭރު އަޅުގަނޑުމެން ބިންގާ އަޅާފަ މިހާރު މިތިބަ ޕްލެޓްފޯމަކީ މިއީ ސުވިމިން ޕޫލުގެ ބޭސް އަންނާނެތަން. ދެން މީގެ އެފަރާތުން ފެނިގެން އެދަނީ ކުޅިބަލަން ތިބޭ މީހުން ތިބޭ ސިޑިބަރި، ދެން އަޅުގަނޑުގެ ފަހަތުން މިހާރު އެފެންނަނީ ޓްރޭނިން ހަދަމުން ކުދިންދާނެ ތަން، ދެން އެހެންވީމާ މަސައްކަތް މިހާރު މިއޮތީ ވަރަށް ބާރު ސްޕީޑެއްގަ ކުރިއަށް ދަމުން މިހާރު މިދަނީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިބިނާގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ.
ހަތަރު ބުރިއަށް ހަދާ މި ސުވިމިން ކޮމްޕްލެކްސް ބިނާކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފެތުމުގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ފެންވަރަށެވެ. މި ކޮމްޕުލެކްސްގައި 50 މީޓަރާއި 25 މީޓަރުގެ ޕޫލެއް ހިމެނޭހެން ދެ ސުވިމިން ޕޫލެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިޕޫލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ޕޫލުގެ މަސައްކަތް ނިމޭނެ ކަމަށް ސުވިމިން އެސޯސިއޭޝަނުން އަންދާޒާކޮށްފަވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ މަސައްކަތްކުރަމުންދަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. ފަހުގެ ވަސީލަތްތަކާއެކު ޤާއިމު ކުރެވޭ މި ސުވިމިން ޕޫލަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ ފަހުގެ ޒަމާނީ ސުވިމިން ޕޫލެކެވެ.
މިއީ 1500 މީހުން އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރަމުން އަންނަ ސްވިމިން ޕޫލެކެވެ.