ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭ 8:26 ހާއިރު ޅ. މަޑިވަރު އެއަރޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކަށެވެ. މިމީހުން މާލެ ގެނައީ ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ އިތުރު ފަރުވާއަށް މާލެގެނައި ދެ މީހުންނަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާދެމުން އަންނަކަމަށެވެ. މިމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރައްވައެވެ.
މިއެކްސިޑެންޓުގައި ހިމެނޭ ޑިންގީ ގެއްލިފައިވާކަމަށާއި، ބޮޑަށް ބެލެވެނީ ޑިންގީ އަޑިޔަށް ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.