ޚަބަރު

ސާންތީ އަކީ ކުޅުންތެރިން ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ކޯޗު: މޯހަން


އަލްމަރްހޫމު އިހްސާން އަބްދުލްޣަނީ (ސާންތީ) ކޯޗަކީ ދިވެހި ފުޓްބޯޅައިގެ ހަޔާތުގައި ތުއްތު އުމުރުފުރައިން ފެށިގެން ޒުވާން ކުޅުންތެރިން ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ކޯޗު ކަމަށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ފުޓްބޯޅައަށް ހިދުމަތް ކުރަމުން އަންނަ ކޯޗު މޯހަން ބުނީ ސާންތީ ކޯޗުގެ ކޯޗިން ހަޔާތުގެ ގިނަ ވަގުތުތައް ހޭދަކުރީ ދަނޑުމަތީގައި ކުޅުންތެރިން ތަމްރީނުކުރުމުގައި ކަމަށެވެ، އެގޮތުން ކޮންމެ ދުވަހަކުވެސް ހައެއްކަ ގަޑިއިރު ދަނޑުމަތީގައި ހޭދަކުރި ކަމަށާއި، އެންމެ ބޮޑަށް އިސްކަންދިނީ ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ.

މޯހަން ބުނީ ރާއްޖޭއަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބީތަކުގައިވެސް ސާންތީ ކޯޗުގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި ސާންތީ ކޯޗުގެ ވަކިވުމަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

މޯހަން މިހެން ބުނީ ސާންތީ ކޯޗުގެ ހަނދާނަށް ހާއްސަކޮށް ސޮކާ ވެޓްރަންސް އިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ސްވޭމް ޖޫނިއާސް 8 އަހަރު ދަށުގެ ފުޓްބޯޅަ ފިއެސްޓަރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

މޯހަން ބުނީ ސާންތީއަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި، ކެރިއަރު ފެށުނީ އެއް ކޯހަކުން ކަމަށެވެ. އަދި އޭ ލައިސަންސާއި ހަމައަށް ހުރިހާ ކޯހެއްވެސް ހެދީ ސާންތީ ކޯޗާއި އެކު އެކީގައި ކަމަށާއި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިންކަމަށެވެ.

ސާންތީއަކީ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ގިނަ ވަގުތަކެއް ހުސްކުރި އަގުހުރި ހިދުމަތްތެރިއެއް ކަމަށާއި، ދުނިޔޭގައި ހުރިހާ ދުވަހަކު އެ ހިދުމަތުގެ ވާހަކަ ދައްކާނެ ކަމަށްވެސް މޯހަން ބުންޏެވެ.