މިހާރު ކުރިއަށްދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަލުން ވުޖޫދަށް ގެނައުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ޠަލާލް މިހެން ވިދާޅުވީ ސޮކާ ވެޓެރަންސްއިން އިންތިޒާމުކޮށްގެން ބާއްވާ މައޯ ސުވޭމް ޖޫނިއާސް 18 އަހަރުންދަށުގެ ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވަނީ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ފުޓްބޯޅަ އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކާ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މަސައްކަތް ކާމިޔާބު ވެގެންދާނެ" ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ.
އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީންވެސް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެމަގަށް މަގު ކޮށައިދިނުން ކަމަށް ޠަތާލް ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ފުޓްބޯޅަ އަލުން އާލާކުރުމަށް ސޮކަރ ވެޓަރަންސް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށްވެސް ޠަލާލްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޠަތާލް ވިދާޅުވީ ސޮކަރ ވެޓެރަންސްއިން ރާވާ މުބާރާތްތަކަކީ ދިވެހި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިރޭ ފެށި މުބާރާތް ކުރިޔަށް ގެންދެވެނީ ފުޓްބޯޅައިގެ ޝައުގު އުފައްދާ އާލާކުރުމުގެ މަގްސަދުގައި ކަމަށް ސޮކާ ވެޓަރަންސްއިން ފާހަގަކޮށްފައިވާ އިރު މިއީ ހަގީގަތުގައިވެސް މުހިންމު މަސައްކަތެއް ކަމަށް ޠަލާލް ވިދާޅުވިއެވެ.
"ހަގީގަތުގައި ވަރަށް މުހިންމު ފިޔަވަޅެއް ތުއްތު އިރުގައި ފުޓްބޯޅައިގެ ޝައުގު އުފައްދައިގެން އަޅުގަނޑުމެންނަށް މޮޅެތި ކުޅުންތެރިން އުފެއްދޭނީ" ޠަތާލް ވިދާޅުވިއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށަ ތައްޔާރުވަމުން އަންނައިރު އެ އިދާރާގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ގައެވެ.