ކުލަބު އެޗްޑީސީގެ އަމާޒަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން މި އަހަރުވެސް ހޯދުން ކަމަށް އެ ޓީމުގެ މެނޭޖަރު މުޙައްމަދު އިލްހާމް ބުނެފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީން އޮތީ ވީއޭއެމް ކަޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އެ ޓީމަށް ގެންނަ ބިދޭސީ ކުޅުންތެރިންވެސް މިހާރު ޓީމާ ގުޅިފައިވާ ކަމަށް އިލްހާމް ބުންޏެވެ.
މި މަހުގެ 25 ގައި ފަށާ ވީއޭއެމް ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އެޗްޑީސީއަށް ގެނެސްފައިވަނީ އީރާންގެ ކުޅުންތެރިޔަކާއި ކޮލަމްބިއާގެ ކުޅުންތެރިއެކެވެ. މި ކުޅުންތެރިންނާއެކު ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންވެސް ސްކޮޑުގައި ހިމެނޭ ކަމަށް އިލްހާމް ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ޗެމްޕިއަންކަން ހޯދުން. ކުޅުންތެރިންގެ ފިޓްނެސް އާއި މެންޓަލް ފިޓްނެސްއަށް ބަލާއިރުވެސް ޓީމު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި." އިލްހާމް ބުންޏެވެ.
އިލްހާމް ބުނީ މުބާރާތަށް ފަރިތަކުރަމުން އަންނަތާ ތިން ހަފުތާވެއްޖެ ކަމަށާއި، މީގެ ކުރިން ފަރިތަކުރުންތައް ބޭއްވީ އިމާދުއްދީން ސުކޫލުގައި ކަމަށެވެ. އެހެންނަމަވެސް މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފަރިތަކުރުމެއް ބާއްވާނެ ކަމަށް އިލްހާމް ބުންޏެވެ. އަދި ތަޖުރިބާ ހޯދުމުގެ ގޮތުން ތިން ދުވަހުގެ ކޭމްޕެއްވެސް ބޭއްވި ކަމަށް އިލްހާމް ފާހަގަކުރިއެވެ.