ޚަބަރު

ތަޢުލީމާއި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތަޖިކިސްތާނާއާއެކު މަޝްވަރާކުރައްވައިފި


  • ރައީސް ވަނީ އައު ސަފީރަށް މަރުޙަބާ ދަންނަވާފައި

  • ދިވެހިރާއްޖެއާ ތަޖަކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރު

ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތަޖިކިސްތާނާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައްކުރައްވާފައިވަނީ ތަޖަކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ބޮބޮކަލޮންޒޮދާ ލުކްމޮން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހުއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ތަޖަކިސްތާންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ ހިމެނެއެވެ.

ދިވެހިރާއްޖެއާ ތަޖަކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 06 ވަނަ ދުވަހުގައެވެ. ތަޖަކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.