ޚަބަރު

މުހިއްމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މިޞްރު ސަފީރާއެކު މަޝްވަރާކުރައްވައިފި


  • ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފަ

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ އާދިލް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. މިޞްރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި އިޤުތިޞާދީ ގޮތުންނާއި، ސިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއާ މިޞްރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1969 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.