ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލަށް ފެނުގެ ޚިދުމަތް ގުޅައިފި


  • އައު ޓާމިނަލަށް ފެނުގެ ޚިދުމަތް ދިނުމަށް 1800 މީޓަރުގެ ހޮޅިލައިނެއް ވަނީ އަޅާފައި

  • އަންނަ މަހު 26 އައު ޓަރމިނަލް ހުޅުވާނެ

އަންނަ މަހުގެ 26ގައި ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމަނިލަށް ފެނުގެ ޚިދުމަތް ގުޅައި ނިންމައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅައި އެކަން އިފްތިތާޙްކޮށްފައިވަނީ އެއަރޕޯޓުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެކުންފުނީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޓަރމިނަލަށް ފެން ގުޅުމަށް އަޅާފައިވަނީ 1800 މީޓަރު ދިގު ހޮޅިލައިނެކެވެ. އަދި މި ހޮޅީގެ 635 މީޓަރު ހުޅުލޭ ފަޅުތެރެއިން ދާއިރު، މީގެ ސަބަބުން އައު ޓާމިނަލަށް ސާފު ބޯފެން ލިބޭނެކަމަށް އެމްއޭސީއެލް އިން ވިދާޅުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. މިހާރު ވަމުންދަނީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

އައު ޕަސެންޖަރ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެއެވެ. މި ޓަރމިނަލް ވެގެންދާނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަކަށެވެ. މިއަހަރު ސަރުކާރުން ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު އައު ޓަމިނަލާއެކު މިކަމަށް އެހީތެރިވެދޭނެއެވެ.