ހުޅުމާލޭގެ ވަގުތީ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރާ 2 ޓޭންކް ބެހެއްޓުމުގެ މަސައްކަތް ނިމިއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މަރޗް މަހުގެ 10ވަނަ ދުވަހުއެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ބޭނުންކުރުމަށް ފިއުލް ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔައީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިއީ ފެބްރިކޭޓެޑް ޓޭންކްތަކެކެވެ. މި މަސައްކަތުގައި ޓޭންކްތަކުގައި އިތުރު ފަށަލައެއް ލުމުގެގޮތުން، ކޮންކްރީޖެހުމުގެ މަސައްކަތްތަކާއި، 2 ފިއުލް ޓޭންކް ބަހައްޓާ ފެބްރިކޭޓްކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 80،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ޓޭންކްތަކެކެވެ.
ހުޅުމާލެއަކީ މާލެ ސަރަޙައްދުގައި މިހާރު އެންމެ ހަލުވިމިނެއްގައި އާބާދުވަމުން އަންނަ ސަރަޙައްދެވެ. ހުލުމާލޭގެ އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް، ފުރިހަމައަށް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލަށް ބެހެއްޓި ތެޔޮ ރައްކާކުރާ 2 ޓެންކަކީ، ހުޅުމާލޭގައި ވަގުތީގޮތުން ހަދާފައިވާ އިންޖީނުގޭގެ، އިންޖީނުތައް ހިންގުމަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށް ބެހެއްޓި ޓެންކުތަކެކެވެ. މިއީ ގްރޭޓަރ މާލެ ޕަވަރ ޖެނެރޭޝަން ބެކަޕެއްގެ ގޮތުގައި ތަރައްޤީކޮށްފަވާ އިންޖީނުގެއެވެ.
މި ވަގުތީ އިންޖީނުގޭގައި އިންޖީނުތައް ބެހެއްޓުމުގެ މަސައްކަތް މިދިޔަ މާރިޗު މަހު ނިންމާފައިވާއިރު، މި ޕްރޮޖެކްޓުގައި 13 އިންޖީނު ވަނީ ބަހައްޓާފައެވެ. އަދި އިންޖީނުތައްވެސް މިހާރު ދަނީ ބޭނުންކުރަމުންނެވެ. އެއީ 17 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީއެވެ. މި އިންޖީނުތައް ބަހައްޓާފައިވަނީ ހުޅުމާލޭގެ އެމްޑަބްލިއުއެސްސީ ފެކްޓްރީގެ ބިއްދޮށުން އޮންނަ ބިމުގައެވެ.
މި ވަގުތީ އިންޖީނުގެއަކީ، ހުޅުމާލޭގައި ސަރުކާރުން ހިންގުމަށް ނިންމާފަވާ ދާއިމީ އިންޖީނުގޭގެ މަޝްރޫޢު ކުރިއަށްގެންދެވެންދެން، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ބުރޫއެރިޔަނުދީ ޚިދުމަތް ކުރިއަށްގެންދެވޭކަން ކަށަވަރުކުރުމަށް އެޅި ވަގުތީ އިންޖީނުގެއެވެ.
މުޅި މާލެ ސަރަޙައްދުގައި މިހާރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ، ހުޅުމާލޭގައި ފިފްތް ޕަވަރަ ޕްރޮޖެކްޓްގައި ޤާއިމުކުރި އިންޖީނުގެއެވެ. އެގޮތުން ހުޅުމާލޭ މާލެ އަދި ހުޅުލޭގެ ކަރަންޓު ވަނީ މި ވިއުގައިން ގުޅާލާފައެވެ.