ޚަބަރު

މި މަހުގެ މިހާތަނަށް 80،000 އަށްވުރެ ގިނަ ފަތުުރުވެރިން، މިއީ %16.7 އިތުރު އަދަދެއް


  • މިމަހުގެ މިހާތަނަށް 80,909 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1,047,267 ފަތުރުވެރިން އައިސްފަ

މިމަހުގެ މިހާތަނަށް ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް މުޅި ޖުމްލަ 80,909 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 69,317 ފަތުރުވެރިންނާއި އަޅާބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,047,267 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 961,560 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 8.9 އިންސައްތަ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ޤައުމަކުން ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެއީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:

* ޗައިނާ – 127,702 ފަތުރުވެރިން
* ރަޝިއާ – 117,953 ފަތުރުވެރިން
* އިނގިރޭސިވިލާތު – 104,098 ފަތުރުވެރިން
* އިޓަލީވިލާތު – 84,458 ފަތުރުވެރިން
* ޖަރުމަންވިލާތު – 79,696 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު 1,205 ތަނެއް ވަނީ ހުޅުވާފައެވެ. އަދި ޖުމްލަ އެނދުގެ އަދަދަކީ 64,087 އެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6000އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވަސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.