ޚަބަރު

ޤައުމީ އެއަރލައިނުން ޙައްޖަށް ކުރި ދަތުރު، ދިވެހި ޙައްޖާޖީންނަށް ލިބުނު ބޮޑު ފަސޭހައެއް!


  • އަމާޒަކީ މުސްތަޤުބަލުގައި ދިވެހި ހުރިހާ ޙައްޖާޖީންވެސް ޤައުމީ އެއަރލައިންގައި ދަތުރުކުން

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން އެނބުރި ޤައުމަށް އައިސްފައިވާއިރު، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީންނަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ފަހިވެގެން ދިޔަ އެއް ފުރުސަތަކީ، ދިވެހީންގެ އަމިއްލަ ޤައުމީ އެއަރލައިންގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖަށް ދިއުމުގެ ފުރުޞަތު އަހަރުތަކަކަށްފަހު އަނެއްކާވެސް ދިވެހިންނަށް ލިބިގެން ދިއުމެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓުގައި މިފަހަރު ދިވެހި ހައްޖާޖީންގެ ދަތުރު ކުރުމުގެ ފުރުރުޞަތު ފަހިވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންގެ ކަންކަން ފުރިހަމައަށް އިންތިޒާމުކުރެއްވުމަށް އިސްކަންދެއްވައިގެން ކުރައްވަން ނިނެމެވި މަސައްކަތްޕުޅުގެ ތެރެއިންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ދިވެހިން ޙައްޖަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަނީ އެކި އެއަރލައިންތަކާއިއެކުގައެވެ. މިއީ އެހެން ޤައުމުތަކުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 50 އިންސައްތަ މީހުން ދަތުރުކޮށްފައިވަނީ ޤައުމީ އެއަރލައިންގައެވެ.


މިއަހަރު ޤައުމީ އެއަރލައިންގައި ސައުދި އަރަބީއްޔާއަށް 507 ހައްޖާޖީއަކު ދަތުރުކޮށްފައިވެއެވެ. އެއީ މިދިޔަ މަހުގެ 27 ގައި ފުރި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓުގައި 255 ހައްޖާޖީއަކާއި، މިދިޔަ މަހު 29 ގައި ފުރި މޯލްޑިވިއަންގެ ފްލައިޓުގައި ދަތުރުކުރި 252 ހައްޖާޖީންނެވެ. ހައްޖުވެރިންގެ އަނބުރާ ގެނައުމަށްވެސް މޯލްޑިވިއަންގެ ދެ ފްލައިޓެއް ދަތުރުކޮށްފައިވެއެވެ. މަދީނާއިން ރާއްޖެ ކުރި މި ދެ ދަތުރުގައި 505 ޙައްޖާޖީން މިދިޔަ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ރާއްޖެ އައިސްފައިވެއެވެ.

މި ދަތުރުތައް ޤައުމީ އެއަރލައިންއިން އިންތިޒާމު ވުމާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަން ހައްޖު ކޯޕަރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ. ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަން އައިޝަތު ޤާހިރު ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޙައްޖުވެރިން ގެނައުމާއި ގެންދިއުމުގައިވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ.

"ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޙައްޖުވެރިން އެކޮޅަށް ގެންދިއުމާއި ގެނައުމުގައިވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ. އޭގެ ތެރޭގައި. އެކޮޅުން މަދީނާއިން ފުރަން ޗެކިން ކުރިއިރު އެބޭފުޅުންގެ މުވައްޒަފުން ތިބި މަދީނާގައި. އަދި މިކޮޅުންވެސް ޙައްޖުވެރިންގެ ލަގެޖް ޕްރީ ޗެކިން މަސައްކަތްތަކާއި އެކު މައްކާ ރޫޓުގެ ތެރެއިން ލިބުނު ފަސޭހަތަކާއެކު އޯވަރޯލް ވަރަށް ބޮޑު ފަސޭހަތަކެއް ލިބުނު ދަތުރެއް މިއީ " އައިޝަތު ޤާހިރު ވިދާޅުވިއެވެ.

މިފަހަރު ދިވެހި ހައްޖާޖީންވެސް ވަނީ ޤައުމީ އެއަރލައިންގައި ދަތުރުކުރަން ފުރުސަތު ލިބުމަކީ ލިބިގެން ދިޔަ ފަޙުރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި މި ވަރަށް ރަނގަޅު ތަޖުރިބާއެއް ގޮތުގައި ހައްޖާޖީން ވަނީ މި ދަތުރުތައް ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން ވަރަށް ފަޙުރުވެރިވޭ ޤައުމީ އެއަރލައިންގައި ދަތުރުކުރެވޭތީ. ވަރަށް ބޮޑު ލުއެއް މީ ޤައުމީ އެއަރލައިންގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ" ބައެއް ހައްޖާޖީން ވިދާޅުވިއެވެ.

މިފަހަރު ޤައުމީ އެއަރލައިންގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި ހައްޖާޖީން ދަތުރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މުސްތަޤުބަލުގައި ދިވެހި ހުރިހާ ޙައްޖާޖީންވެސް އަމިއްލަ އެއަރލައިންގައި ދަތުރުކުރުމެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ގޮސްފައިވަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. މިއާއެކު އެއަރޕޯޓުތަކުގައި ދިވެހިން ހޭދަކުރަން ޖެހުނު ވަރަށް ބޮޑު ތަނުން ވަނީ ކުޑަވެފައެވެ.