ޚަބަރު

ބޭންކް އިންކަމް ޓެކްސް އާމްދަނީ %51 އިތުރުވެއްޖެ


  • މިދިޔަ އަހަރު ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާ

  • 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިޔަން ރުފިޔާ

ބޭންކްތަކަށް ލިބުނު އާމްދަނީން ލިބިފައިވާ ޓެކުހުގެ އަދަދު މިދިޔަ އަހަރު %51 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ. ބޭންކުތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25ގެ ރޭޓުގައެވެ.

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ބޭންކަކީ ޓެކްސް ނެގޭ ވަކި ފަރާތެކެވެ. މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން "ބޭންކް އިންކަމް ޓެކްސް"ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ %51.9 އިތުރުވެފައެވެ.

2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %48 އިތުރު އަދަދެކެވެ. ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 993 މިލިޔަން ރުފިޔާއެވެ.

2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 1.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު %51.9 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިޔަން ރުފިޔާއެވެ.

ބޭންކް އިންކަމް ޓެކްސް އާމްދަނީ އަންދާޒާކުރަނީ ވޭތުވެދިޔަ އަހަރުތަކުގައި ބަލައިގަތް އާމްދަނީގެ އެވްރެޖާއި ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ކުރިއަރާނެ މިންވަރަށް ރިއާޔަތްކޮށްގެންނެވެ. ވޭދުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ވަނީ %8.88 އިތުރުވެފައެވެ.