ޚަބަރު

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ޓީމުން ކުރި ހިތްވަރާއި މެދު ފަހުރުވެރިވޭ: ކޯޗު


ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމުން ކުރި ހިތްވަރާއި މެދު ފަހުރުވެރިވާ ކަމަށް ކޯޗު ވްލަޑިމިއަރ ތްރިޗް ބުނެފިއެވެ.

ސާބިއާއަށް ނިސްބަތްވާ ކޯޗާއިއެކު 2 މަސްދުވަހުގެ ފަރިތަކުރުންތަކަށްފަހު ރާއްޖޭން ކުޅުނު މި މުބާރާތަކީ ފިރިހެން ޓީމުގެ ފުރަތަމަ މުބާރާތް ކަމަށާއި، މި މުބާރާތުގައި ލިބުނު ތަޖުރިބާއިން ކުރިޔަށް އޮތްތަނުގައި މި ކުޅުންތެރިން އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ކޯޗު ބުންޏެވެ.

"މިއީ ވަރަށް ހަގު ކުޅުންތެރިންތަކެއް. މިއީ މި ކުދިންގެ ފުރަތަމަ ކޮމްޕެޓިޝަން. ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކުރެވޭނެ. މިކުދިންނަށް އަދި އިތުރު ޕްރެކްޓިސް ބޭނުންވޭ" ކޯޗު ބުންޏެވެ.

ކޯޗު ބުނީ އެކަށީގެންވާ ވަރަށް ފަރިތަކުރެވިއްޖެނަމަ މިކުޅުންތެރިންނަށް މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. އަދި މި މުބާރާތުގައި ޖެހިޖެހިގެން 4 ދުވަހު މެޗުތައް ކުޅެން ޖެހުނު ނަމަވެސް ހިތްވަރު އެލުވާނުލާ ކަމަށާއި، އެހެން ޓީމުތަކާއި ދެކޮޅަށް ދެއްކި ކުޅުމާމެދު ވަރަށް ފަހުރުވެރިވާކަމަށްވެސް ކޯޗު ބުންޏެވެ.

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިން މުބާރާތުގެ އިންތިޒާމުތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި، ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށް ކޯޗު ފާހަގަކުރިއެވެ.

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމަށް މުހިންމު ތަޖުރިބާތަކެއް ލިބުނު މުބާރާތަކަށްވާއިރު ކުޅުންތެރިން ބުނީީ މި މުބާރާތުގައި ހެދުނު ގޯސްތަކުން ކުރިޔަށް އޮތްތަނުގައި ރަނގަޅު ކުރަންވީ ކަންކަން އެނގޭނެ ކަމަށާއި، ދެން އޮންނަ މުބާރާތެއްގައި މިއަށްވުރެ މޮޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެކަމަށެވެ.

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވީ 33 ޕޮއިންޓުގެ ތަފާތަކުންނެވެ.