ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަހުމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
ޝައިޚް ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިއެއް ކަމަށާއި އެއީ ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝައިޚް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މަރްޙޫމް ޝައިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) June 9, 2025
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާ އެކުއެވެ.
އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި… pic.twitter.com/pWUlTy4USX
ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއް ކަމަށާއި އެއީ ޚިދުމަތްތެރި ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) June 9, 2025
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެކެވެ. ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި… pic.twitter.com/bpD6xymTK2
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުރުންވެސް ސިޔާސީ އެކި ލީޑަރުންނާއި ދައުލަތުގެ އިސްބޭފުޅުންވެސް ވަނީ ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން އެ ބޭފުޅާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.