ކުޅިވަރު

ޓިމޯ ލެސްޓޭއަކީ ވަރުގަދަ ޓީމެއް، އިހުތިރާމުކޮށްގެން ކުޅެން ޖެހޭ: ސުޒެއިން


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ މި މެޗަށް ތައްޔާރުވަމުން އަންނަނީ ރާއްޖޭގައި ބޭއްވި ކުރު މުބާރާތް ކަމަށްވާ އެފްއޭއެމް ލީގު ކަޕް 2025 ކުޅުމަށްފަހު، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ތައްޔާރުވުމަށްޓަކައި ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ 3-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެ މެޗުގައި ދެވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.

ސުޒެއިން ބުނީ ޓިމޯ ލެސްޓޭ އަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން އެ މީހުންނަށް އިހުތިރާމްކޮށްގެން ކުޅެން ޖެހޭ ކަމަށެވެ. އަދި މިދިޔަ ދެ އަހަރު ރާއްޖޭގައި ލީގެއް ނެތްއިރު، ރާއްޖޭގެ ފުޓްބޯޅަ ދަނީ ތަންކޮޅެއް ދަށަށް ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު ލީގު ކަޕަށްފަހު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށާއި، މި މެޗުން ތިން ޕޮއިންޓް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމް ބުނީ މި މެޗު ކުޅޭ އޮސްޓްރޭލިއާގެ ޑާވިންއަކީ ރާއްޖެއާ ވަރަށް ދުރު ސަރަހައްދެއް ކަމަށްވުމުން މި މެޗަށް ރާއްޖޭގެ ގިނަ ސަޕޯޓަރުން އަންނާނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު ރާއްޖެއިން ވަގުތުން މެޗު ބަލާއިރު، އެ މީހުންގެ ސަޕޯޓު ޓީމަށް ލިބޭނެ ކަމަށާއި، ރަނގަޅު މެޗެއް ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ މެޗު އޮންނާނީ އަންގާރަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:30 ގައެވެ.