ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި، ޒިންމާދާރު ކުދިންތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 160އެއްހާ ކުދިން ތިބިކަމަށެވެ. އަދި އެކުދިންނަކީ މުޖްތަމަޢަށް ޚިދުމަތްތެރި، މުޖްތަމަޢު ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި އެކުދީންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.
އެގޮތުން، އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވުޒާރާގެ ވަކި ޑިޕާޓްމަންޓެއް ހަދާ، އެ ޑިޕާޓްމަންޓްގެ ފަރާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއެވެ.
" ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢުމުރުން 14 ވަރަކަށް އަހަރުވާއިރަށް އަޅުގަނޑުމެންނަށް އެކުދިންނަށް ކޮންކަހަލަަ މަސައްކަތެއްތޯ ކުރަން ބޭނުންވަނީ، ކޮންކަހަލަ ކަމެއްތޯ ދަސްކުރަން ބޭނުންވަނީ، އެގޮތަށް އޮޅުންފިލުވައިގެން އެކުއްޖަކު ބޭނުންވާކަހަލަ ތަމްރީނުތަކެއް އަޅުގަނޑުމެންނަށް އެބަ މިހާރު ފޯރުކޮށްދެވޭ". ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ކުދިން ބޭނުންވާކަހަލަ ތަމްރީނުތައް އެކުދިންނަށް ފޯރުކޮށްދިނުމަށްފަހު ކުއްޖާގެ ޢުމުރުން 18 އަހަރުވާއިރަށް އެކުދިންނަށް އެ ސެޓްފިކޭޝަން ލިބޭގޮތަށް ކަންތައް އިންތިޒާމްކުރެވިފައިވާކަމަށެވެ.
" މިސާލަަކަށް ދަންނަވާނަމަ ވޯޓަރ ސްޕޯޓްސް، ޑައިވިންގް ހަދާ ހިތްވާކުއްޖެއް އަޅުގަނޑުމެންގެ ކޮންމެ ސެންޓަރެއްގައި ހުރިކަމުގައިވިޔަސް އެކުއްޖަކަށް އެ ވޯޓަރ ސްޕޯޓްސް އެހެންނޫނީ ޑައިވިނގް ކިޔެވޭނެ ތަނަކަށް އެމަސައްކަތް ދަސްކޮށްދެވޭނެތަނަކަށް އަޅުގަނޑުމެން އެކުދީން ބަދަލުކުރާނަން. ކޮށްފަ އެތަނުގައި ހުރެގެން 18 އަހަރު ވާންވާއިރަށް އަޅުގަނޑުމެންނަށް އެކުދިންނަށް އެ ސެޓްފިކޭޝަން ލިބޭގޮތަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ". ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު މިހާތަނަށް ޢާއިލާތަކާ ޙަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ކުދިން ޙަވާލުކުރެވޭ ޢާއިލާތަކާއެކުގައިވެސް ވުޒާރާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަަމަށެވެ.