ޚަބަރު

"މިއަހަރުގެ ފަތުރުވެރިންގެ އަމާޒު ހާސިލްކުރާއިރު ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރަންޖެހޭ"


  • މިދިޔަ އަހަރު ނިމުނުއިރު އެވްރެޖްކޮށް ފަތުރުވެރިން ހޭދަކުރަނީ 7.7 ދުވަސް

2.3 މިލިޔަން ފަތުރުވެރިންގެ އަމާޒާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ސަރުކާރުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިންނެވެ. މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް 1 މިލިޔަން މިހާއަވަހަށް ހަމަވި ފުރަތަމަ އަހަރެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، 2.3 މިލިޔަން ފަތުރުވެރިން ގެނައުމާއިއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ ކިހާދުވަހެއްތޯ ބަލަންޖެހޭކަމަށެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ހޭދަކުރާ ދުވަސް އެބަ އިތުރުކުރަން ޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެބޭފުޅުން ރާއްޖޭގައި ސްޕެންޑްކުރާ ދުވަހާއި ރާއްޖޭގައި އެބޭފުޅުން ސްޕެންޑްކުރާ އަދަދާއި އެބޭފުޅުން ސްޕެންޑްކުރާ ކަންތައްތަކާއި. އެކަންތައްތަކަށްވެސް އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. ދެން ހަމަ އެއާއިއެކު އަޅުގަނޑުމެން އެބަ ބަލަން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ހައި އެންޑް ފަތުރުވެރިންވެސް ގެނައުމުގެ މަސައްކަތްތައް އެބަ ކުރަން." ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.7 ދުވަހެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6363 ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއްދީގެން ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ އައިޓީބީގައިވެސް ވަރަށް މުހިންމު އިސްކަމެއްދީގެން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހައި ބޮޑެތި އެއަރލައިންތަކެއްގެ އިސްވެރިންނާއި، ބޮޑެތި ޓްރެވެލް އެޖެންސީތަކާއި ބައްދަލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި 2 ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މިބައްދަލުވުންތަކުގައި މަޝްވަރާކުރައްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ބޮޑެތި ޓްރެވެލް ފެއަރގައި ބައިވެރިވުމުގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑްޝޯތައްވެސް ގިނަ އަދަދަކަށް މިހާރު ބާއްވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.