އާޖެންޓީނާގެ ގައުމީ ގޯލްކީޕަރު އަދި އެސްޓަންވިލާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ. އަދި އޭސީ މިލާނުގެ ކީޕަރު މިންޔޯން ގަތުމަށް ޗެލްސީން ވަނީ މަސައްކަތް ފަށާފައެވެ.
ޗެލްސީން މިންޔޯންއާއެކު ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިވާއިރު މިލާނަށް ކުޅުންތެރިޔާ ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތެވެ. އޭނާ ގަތުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ މެންޗެސްޓާ ޔުނައިޓެޑެވެ.
ފްރާންސްގެ ގައުމީ ކީޕަރު، އަދި އުމުރުން މިހާރު 29 އަހަރުގެ މިންޔޯން އޭސީ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އޭނާ ވަނީ މިލާނުގެ ކޮންޓްރެކްޓް އާ ނުކުރުމަށް ވެސް ނިންމާފަ އެވެ.
މިންޔޯން ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 30 މެޗު ކުޅެދީފަ އެވެ. އޭނާ އަށް ގައުމީ ކީޕަރުކަން ލިބުނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކީޕަރު ހޫގޯ ލޮރިސް 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ކުޅުން ހުއްޓާލުމުންނެވެ.
މި ސީޒަނުގައި ތައްޓެއް ނުލިބުނުއިރު، ޕްރެމިއާ ލީގުގެ 16 ވަނާގައި އޮތް ޔުނައިޓެޑުން ގަބޫލު ކުރާ ގޮތުގައި އަންނަ ސީޒަނަށް އެކުލަބުން އެންމެ ބޮޑަށް ވަރުގަދަ ކުރަންޖެހޭ ޑިޕާޓްމަންޓަކީ ގޯލްކީޕަރުގެ ޑިޕާޓްމަންޓެވެ. ޔުނައިޓެޑްގެ އެއްވަނަ ކީޕަރުގެ ގޮތުގައި މިވަގުތު ކުޅެމުންދަނީ ކެމަރޫނުގެ ގައުމީ ކީޕަރު އަންދްރޭ އޮނާނާ އެވެ. އިޓަލީގެ އިންޓަރ މިލާނުގައި މޮޅަށް ކުޅުނު ކީޕަރު މީގެ ދެ ސީޒަން ކުރިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ދައްކަނީ ވަރަށް ފީކަޅާ ކުޅުމެކެވެ. ގިނަ މެޗުތަކުގައި އޭނާ އަތުން ހެދޭ ގޯސް ތަކުގެ ސަބަބުން ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވެސް ވަނީ ހައްދެއްނެތި އަމާޒުވެފަ އެވެ. މިހެންވެ ޔުނައިޓެޑް ވިސްނަމުންދަނީ އޮނާނާ ވިއްކާލުމަށެވެ. މި ގޮތުން މިކަން ކުރާނީ މަދުވެގެން 30 މިލިއަން ޕައުންޑްގެ ނުވަތަ މި އަދަދާ ގާތްކުރާ ހުށަހެޅުމެއް ލިބޭނަމަ އެވެ.
އެ ކުލަބަށް މައިގްނަން ނުލިބުމުން، މާޓިނޭޒް ގަތުމަށް މާޓިނޭޒް ބޭނުންވީ އޭނާ ދައްކަމުން އަންނަ ކުޅުން ރަނގަޅު ވުމުންނެވެ. އެ ކުލަބުގެ ކީޕަރު އަންދްރޭ އޮނާނާ އަށް އިތުބާރު ނުކުރެވެތީވެ ކޯޗު ރުބެން އަމޮރިމް ބޭނުންވަނީ ތަޖުރިބާކާރު އަދި ބަރޯސާ ވެވޭނެ ފެންވަރުގެ ކީޕަރަކު ހޯދުމަށެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕާއި ދުނިޔޭގެ މޮޅު ގޯލްކީޕަރުގެ މަގާމު ދެ ފަހަރު ހޯދާފައިވާ މާޓިނޭޒް މި ވަގުތު ހުރީ އެސްޓަން ވިލާ ދޫކޮށްލަން ބޭނުންވެފަ އެވެ. ސަބަބަކީ އެ ކުލަބަށް އޭނާ ފެންވަރުގެ ކުޅުންތެރިއަކަށް އެކަށީގެންވާ ވަރުގެ މުބާރާތްތައް ކުޅެން ފުރުސަތު ނުލިބޭ ކަމަށް ދެކިގެންނެވެ.
އެސްޓަން ވިލާ އަކީ ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބެއް ނޫނެވެ. އަދި އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓަށް ވެސް ޔޫރަޕުގެ އެއްވެސް މުބާރާތެއްގެ ފުރުސަތެއް ނެތެވެ. ނަމަވެސް ޔުނައިޓެޑަކީ ކާމިޔާބު ދުނިޔޭގެ ބޮޑު ކުލަބަކަށް ވުމުން އެ ޖާޒީ ލުމަށް މާޓިނޭޒް ޝައުގުވެރި އެވެ.