ޚަބަރު

މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ދުރާލައި ތައްޔާރުވާންޖެހޭ: ވަޒީރު ޝިޔާމް


  • މަސްވެރިކަން ތަރައްޤީކުރުމަށް މިއިން ދުވަހަކު ނުކުރާވަރަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި

  • ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ނޭދެވޭ އަސަރު މަސްވެރިކަމަށް ކުރާނެ

މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، ދިވެހިންގެ ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށެވެ.

ޒަމާނުންސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރައްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ބައެއް ކަމަށާއި ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ޤަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްޤީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވަނީ ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއްކަންވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް މިއިން ދުވަހަކު ނުކުރާވަރަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރާ ކަމަށާއި އޭގެ ނަތީޖާއަކީ، ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން ކުރާ މަސްވެރިކަމަށް ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެގެންދިއުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


ވަޒީރު ވިދާޅުވީ މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންވެ، މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިޤްތިޞާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭ ކަމަށްވެސް މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

"ޔޫއެން ޑެކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް"ގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑު، ފަޅާއި، ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުން ފަދަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަގްރީރުގައިވެސް ސަރުކާރުގެ އަސާސްތައް ބިނާވެގެންވަނީ ދިރާސާތަކުގެ އަލީގައިކަން ފާހަގަކުރައްވާފައިވުމަކީ އެކަމަށް ބާރު ދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައްކަމުގައި މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެކަމާމެދު ޝައްކެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.