ޚަބަރު

ރާއްޖޭގެ ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ އިޚްތިޔާރެއް އޮތް ކަމެއް ނޫން: ވަޒީރު ޝިޔާމް


  • މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް

ރާއްޖޭގެ ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ އިޚްތިޔާރެއް އޮތް ކަމެއް ނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ކަނޑުތަކަކީ ހަމައެކަނި ރާއްޖޭގެ ނޫ އިޤްތިޞާދުގެ ބައެއް ނޫންކަމަށެވެ. އެއީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތާއި، ދިރިއުޅުމުގެ އެއް ބައިކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ އިޚްތިޔާރެއް އޮތް ކަމެއް ނޫންކަމަށާއި އެއީ ކޮންމެހެން ބޭނުންވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ވޮންޑަރ: ސަސްޓެއިނިން ވަޓް ސަސްޓެއިންސް އަސް" އެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދެވެ. ދިވެހި ކަނޑުތަކަކީ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަންވަނީ އިތުރުކޮށްފައެވެ. މިއާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމުގެ ފުރުޞަތު ފަހިވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކަނޑުން ލިބޭ އެންމެ އަގުހުރި މަންފާ ކަމުގައިވާ ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީވެސް މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއްކަމަށާއި ބޭރުގެ ގައުމުތަކަށް ވިއްކާ ދިވެހި ކަޅު ބިލަމަހުގެ އަގު އުފުލޭނެ ގޮތެއްކަމުން އެމަގުން ސަރުކާރުން ކުރިއަށްދާނެކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.