ޚަބަރު

ވައިޑް ބޮޑީ މަތިންދާ ބޯޓު ފޯރުކޮށްދިނުމަށް ގިނަ ޕްރޮޕޯސަލްތައް ލިބުނު: ސަލީމް


  • މިއަހަރުގެ އޮކްޓޯބަރު މަހު ވައިޑް ބޮޑީގެ އިތުރު ބޯޓެއް ގެނައުމަކީ އަމާޒެއް

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ހޯދުމަށް ކުރި އިޢުލާނަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.

އަލީ ސަލީމް މިހެން ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް 5ވަނަ އޭޓީއާރް ގެނައުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުމުން ގިނަ ޕްރޮޕޯސަލްތައް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބައެއް އެއަރކްރާފްޓްތައް އަޅުގަނޑުމެންނަށް ލިބިފައިއެބަހުރި. އެ ބޯޓުތައް އިވެލުއޭޓްކޮށްފަ ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަހަރުގެ ފަހުކޮޅު ނުވަތަ އެއަށްވުރެވެސް ކުރީކޮޅު އެއަރބަސް ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރުމަކީ." އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓާއެކު އެއެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ އިތުރުން ޑިމާންޑު ހުރި އިތުރު މަންޒިލްތަކަށް ފެށިގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މި ބޯޓުގެ ދަތުރުތައް މިއަހަރު އޮކްޓޯބަރު މަހު ފެށުމަކީ ކުންފުނީގެ ޢަމާޒެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެފްރިކާކަމަށް ވިޔަސް ޔޫރަޕްގެ މަންޒިލްތަކަށް ކަމަށް ވިޔަސް. އިރާދަކުރެއްވިއްޔާ މިއަންނަ ސީޒަންއަށް އިތުރު މަންޒިލްތަކަށް ދިވެހި އެއަރލައިނުން ދިވެހި ދިދައާއެކު ދަތުރުކުރާނެ." އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީ އަލީ ސަލީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ މިއަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. އެއީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ.

މޯލްޑިވިއަންއަށް ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު އެއެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ. އެއީ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއެވެ.

ވައިޑް-ބޮޑީ މަތިންދާ ބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ވަކިން ޚާއްސަ ގޮތެއްގައި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.