މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދި ޢަރަބިއްޔާއަށް ދިޔަ ހުރިހާ ޙައްޖާޖީން، މުޛްދަލިފާގައި ރޭގަނޑުން ބައެއްގައި މަޑުކުރުމަށްފަހު އެނބުރި މިނާއަށް ގޮސްފިއެވެ.
މިއީ ޙައްޖު ކޯޕަރޭޝަން ތާރީޚުގައި އަރަފާތު ނިންމައި މުޒްދަލިފާއަށް ފަހު އެއްވެސް ޙާޖީއެއް ނުގެއްލި ހުރިހާ ޙައްޖުވެރިން ބަހުގައި މިނާއަށް ދެވުނު ފުރަތަމަ ފަހަރުއެވެ. ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާ ޓެންޓް ތަކުގައި އަދި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ޙައްޖާޖީންނަށްވެސް އަރަފާތު ލިބުނެވެ. ޢަރަފާތަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. ޢަރަފާތު ނުލިބިއްޖެ މީހަކަށް ޙައްޖު ނުލިބޭނެތީއެވެ.
ދިވެހި ހުރިހާ ޙައްޖާޖީން ޢަރަފާތު ދުވަހުގެ އިރުއޮއްސުމާއެކު ދަތުރުފެށީ މުޛްދަލިފާއަށެވެ. އަދި މުޛްދަލިފާގައި ރޭގަނޑުން ބައެއްގައި މަޑުކޮށް، ހިލަ ހޮވުމަށްފަހު ވަނީ އެނބުރި މިނާއަށް ގޮސްފައެވެ.
ޙައްޖުމަހުގެ 10، 11 އަދި 12 ވަނަ ދުވަހުވެސް ޙައްޖާޖީން ތިބޭނީ މިނާގައެވެ. އަދި މިއަދު އުޟްހިޔާ ކަތިލުމާއި، ޖަމްރަތުލް އަގަބާ (ބޮޑު ޖަމްރާ)އަށް ހިލަ އުކުމަށްފަހު ހުރިހާ ޙައްޖާޖީން އިޙްރާމް ކަނޑާނެއެވެ. މިގޮތުން ފިރިހެނުން ބޯކޮށުން ނުވަތަ ބޯ ބޭލުންވެސް ކުރިއަށްދާނެއެވެ.
ދިވެހި ހުރިހާ ޙައްޖާޖީން އެނބުރި މައްކާގެ ހޮޓަލަށް ދާނީ، ތިން ޖަމްރާއަށް ހިލައުކުމަށްފަހުއެވެ.