އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށް ފެންނަ އަދި ޖަވާބުދާރީވާނެ ގޮތްތައް އިސްކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބުދުލް ސައްތާރު (ޗަމްޕީ) ގޮވާލައްވައިފިއެވެ. 
އެމްއޯސީގެ އައު ހިންގާ ކޮމިޓީ އެކުލަވާލުމަށް ހ. މީރުމާގައި ބޭއްވި އިންތިޚާބަށްފަހު އިތުރު ދައުރަކަށް ރައީސްކަމާއި ހަވާލުވުމަށްފަހު އެސޯސިއޭޝަންތަކުގެ ވެރިންނާ މުހާތަބު ކުރައްވާ ސައްތާރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުން ހުއްޓުމަކަށް އައިސް، ނޯމަލައިޒްކޮށް ސަސްޕެންޑް ކުރުންފަދަ ކަންކަމުގެ ހުރިހާ ދެރައެއްވެސް ލިބޭނީ ދިވެހި ކުޅިވަރަށާއި އެ ކުޅިވަރެއް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ.
ސައްތާރު ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ އެއް ކުޅިވަރުކަމުގައިވާ ފުޓްބޯޅައާއި ފަހުގެ ތާރީހުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރުކަމަށްވާ ބެޓްމިންޓަންގެ ބެލެނިވެރި އެސޯސިއޭޝަންތަކަށް އެންމެ ދެކެން ބޭނުންނުވާ ބައެއް ކަންކަން ދިމާވެފައިވާތީ ކަންބޮޑުވާކަމަށެވެ. 
ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ނޯމަލައިޒްކޮށްފައިވާކަމަށާއި، ބެޑްމިންޓަން އެސޯސިއޭޝަން ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށް އެމްއޯސީގެ ރައީސް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް އެ ހާލަތަށް ދަނީ ހިންގުން ހަރުދަނާކުރުމުގައި ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ދޫކޮށްލެވުމުން ކަމަށެވެ. 
"މިސާލަކަށް ދަންނަވާނަމަ ފައިސާގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ގެންދިއުމާއި، މާލީ ހިސާބުތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމާއި، އޮޑިޓް ކުރުންފަދަ ކަންކަމށް އިސްކަން ނުދެވުމުން" ކަމަށް ސައްތާރު ވިދާޅުވިއެވެ. 
އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދު ހަރުދަނާކޮށް ޖަވާބުދާރީ ވެވޭ ގޮތަށް، އަދި އެ ކުޅިވަރަކަށް އެންމެ ފައިދާހުރި ގޮތައް ކަންކަން ބައްޓަންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަނުޖެއްސުމުން އެސޯސިއޭޝަންތަކަށް ނުރަނގަޅު އަސަރުތަކެއް ކުރާކަމަށް ސައްތާރު ވިދާޅުވިއެވެ. 
އެއްވެސް މީހެއްގެ އަމިއްލަ މަސްލަހަތު ކުޅިވަރުގައި އިސްކޮށްފިނަމަ އޭގެ އެދެވޭ ނަތީޖާއަށްވުރެ ނިކުތުން ގާތީ ނޭދެވޭ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޅިވަރު އެސޯސިއޭޝަންތައް ހިންގަވަން ތިއްބެވި ބޭފުޅުން މިކަންކަމަށް ސަމާލުކަންދީ ކުޅިވަރަށް ދެރައެއް ލިބިދާނެފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށްވެސް ސައްތާރު އިލްތިމާސް ކުރެއްވިއެވެ. 
އެހެންކަމުން މިފަދަ ކަންކަމުގައި އެންމެންވެސް އިސްކުރަންވީ ގައުމީ މަސްލަހަތުކަމަށާއި، އެބޭފުޅަކު ނިސްބަތްވާ ކުޅިވަރާއި، އެ ކުޅިވަރުގައި ޝާމިލުވާ ފަރާތްތަކުގެ މަސްލަހަތު ކަމަށް އެމްއޯސީގެ ރައީސް ވިދާޅުވިއެވެ.